ޗާންދަނީމަގުގައި ހުންނަ އިދިކޮޅު އެމްޑީޕީ ހަރުގެއަށް މިދިޔަ ހޮނިހިރު ދުވަހު ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގެ ދޮރު ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލައިފަ އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. ސްޓާ، މުހައްމަދު ރަޒީން އެރޭ ދެންވަރު ހައްޔަރުކުރި ނަމަވެސް ފަހުން ދޫކޮށްލި އެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ މިދިޔަ އާދިއްތަ ދުވަހު އޭނާ އަލުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރަޒީނަކީ އެކި ތުހުމަތުތަކުގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ހައްޔަރުކޮށްފައިވާ މީހެކެވެ.

މާލޭގެ ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައަކާއި އައިޖީއެމްއެޗްގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ވެސް އޭނާ ހައްޔަރުކުރި އެވެ.

އޭނާ އަކީ މަސްތުވާތަކެއްޗާއި ވައްކަން ފަދަ އެކި ތުހުމަތުތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ.