އާންމުކޮށް މީހުން ސެންޓު ޖަހައި އުޅެނީ އެ މީހެއްގެ މޫޑާ ގުޅޭ ގޮތަކަށެވެ. ބައެއް ފަހަރު ވަރަށް ސޮފްޓު ވަހެކެވެ. އަނެއް ބައި ފަހަރު ޖަހަން ބޭނުންވަނީ ގަދައަށް ވަސް ހުންނަ ސެންޓެވެ.

ސެންޓު ވިޔަފާރީގައި މަޝްހޫރު ލެކިއުޓް ހިންގާ ލިންޓެލް ކުންފުނީގެ އޮފިޝަލަކު ބުނި ގޮތުގައި ތަފާތު އެކި ބްރޭންޑުތަކުގެ ސެންޓުތައް ހުއްޓަސް، ވަސް ގަދަ ސެންޓު ދިވެހިންނަށް އެހާ ކަމުނުދާކަމަށް ބެލެވޭ ކަމަށެވެ. ގިނަ މީހުންނަށް ކަމުދަނީ ފްލޯރަލް އަދި ފޮނި ވަހެއް ހުންނަ ސެންޓު ކަމަށް ބުންޏެވެ.

އެ މީހެއްގެ މާޒީ އާއި ހަނދާންތަކާއި ދިރިއުޅުމާ ގުޅިފައިވާ އެކި ކަންކަމާ، އެ މީހަކަށް ކަމުދާ ވަހަކާ ބޮޑު ގުޅުމެއް ހުންނައިރު "ފްލޯރަލް" އަދި "ސްވީޓް" ވަސްތަކާ ގުޅެނީ އުންމީދީ، އުފާވެރި، އިހުގެ ހަނދާންތައް އަދި ރޮމޭންސާ އެވެ.

ރާއްޖެ ނޫނަސް މުޅި ދުނިޔޭގައި ވެސް ގިނަ ބަޔަކު ލޯބިކުރަނީ ސެންޓުގެ ލުއި އަދި ފޮނި ވަސްތަކަށެވެ. އަދި ގިނައިރު ވަސް ހުންނަ ސެންޓަށެވެ.

ދިވެހިންގެ ތެރޭގައި މިހާރު މަގުބޫލު އަރަބި ސެންޓުގައި ވެސް އެހާ ގަދަ ވަސްތަކަށްވުރެ ގިނަ މީހުން ލޯބިކުރަނި ލުއި ވަސްތަކަށެވެ. މީގެ ތެރެއިން ވެސް "ލަތާފާ" ހޯދަން އުޅޭ މީހުން ގިނައީ އެހެންވެ އެވެ. އޭގެ ސެންޓުތަކުގައި ހުންނަނީ ހިތަށް ހަމަޖެހުން ލިބޭ މަޑު ވަސްތަކެކެވެ.

އެއާ ހިލާފަށް، ޑިމާންޑު ބޮޑު އަރަބި ސެންޓުތަކުގެ ތެރެއިން އޫދަކީ ތަންކޮޅެއް ވަސް ގަދަ ސެންޓެކެވެ.

"މީހުންގެ ޑިމާންޑަށް ބަލާފައި ފާހަގަވީ ދިވެހިންނަށް ސެންޓުގެ ވަސް މާ ގަދަ ވީމަ ކަމުނުދާ ކަމަށް،" ކުރިން ވާހަކަ ދެއްކި އޮފިޝަލް ބުންޏެވެ.

މިހާރު އެންމެ ޑިމާންޑު އޮތް އެކައްޗަކީ "ކޮކާ ސެންޓު" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ކެރޮލައިނާ ހެރެރާގެ "ލަ ބޮމްބާ" އެވެ. ސެންޓު ވިއްކާ ތަންތަނުން މީގެ ސެންޓު ހުސްވެގެން އެތައް ފަހަރަކު ގެންނަން ޖެހިއްޖެ އެވެ. ސެންޓު ވިއްކުމުގައި އެންމެ ދުވަސްވީ އެއް ކުންފުނީގެ އޮފިޝަލު ބުނީ އެންމެ ގިނައިން ވިކެނީ ފިރިހެން ސެންޓު ކަމަށެވެ. ނަމަވެސް، އޭގެ އެންމެ ތަފާތު ކަމަކީ ސެންޓު ގިނައިން ގަންނަނީ އަންހެނުންނަށް ވުމެވެ. ފިރިހެނުންނަށް ހަދިޔާ ދޭން އެންމެ ގިނައިން ގަންނަ އެކައްޗަކީ ސެންޓު ކަމަށް ވީމާ މިހެން ވެދާނެ އެވެ.