އިދިކޮޅު ފަރާތްތަކުން ކިތަންމެ ބޭނުންވިޔަސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ވޯޓު ނުލިބޭނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަސީހްގެ ވޯޓާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ރޭ ވަނީ، ވެރިކަން ކުރާ ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މަޝްވަރާ ކުރައްވައިފަ އެވެ.
ސަރުކާރު ކޯލިޝަންގައި ޕީޕީއެމްގެ 48 މެމްބަރުންނާއި އެމްޑީއޭގެ ހަތް މެމްބަރުންނާ އެކު ޖުމްލަ 55 މެމްބަރުން ތިއްބަވަ އެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުން ވެސް ރޭގެ ބައްދަލުވުމަށް ވަޑައިނުގަންނަވާތީ، ސޯޝަލް މީޑިއާގައި ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން ރިޔާޒް "މިހާރު" އަށް ވިދާޅުވީ މިވަގުތު މާލޭގައި ތިއްބެވި ހުރިހާ މެމްބަރުން ވެސް ރޭގެ ބައްދަލުވުމަށް ވަޑައިގެންނެވި ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް ވޯޓު ދެއްވާނީ ޕީޕީއެމް ކޯލިޝަންގެ އެންމެ ތިން މެމްބަރުން އޭނާ ކަމަށް ވިދާޅުވި އެވެ.
އެއީ، ރިޔާޒް ވިދާޅުވި ގޮތުގައި ޕީޕީއެމުން ވަކިކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ގެ އިތުރުން ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފެވެ.
"މި ތިން ވޯޓު އެކަނި އިދިކޮޅު ފަރާތްތަކަށް ލިބޭނީ. ޕީޕީއެމް/އެމްޑީއޭ އެއްވެސް މެމްބަރެއްގެ ވޯޓު މަސީހާ ދެކޮޅަށް ނުލިބޭނެ. އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަކަށް ކޯލިޝަން މެމްބަރުން ވޯޓެއް ނުދެއްވާނެ،" ރިޔާޒް ވިދާޅުވި އެވެ.
މަސީހްގެ ވޯޓަކީ އިދިކޮޅު ފަރާތްތަކުން "މާ ބޮޑު ކަމަކަށް ހަދައިގެން އުޅުނަސް" ރިޔާޒް ވިދާޅުވި ގޮތުގައި ޕީޕީއެމް/އެމްޑީއޭ އަށް މާބޮޑު ވޯޓެއް ނޫނެވެ. އެ ވޯޓަށް ތައްޔާރުވާނީ، އޭނާ ވިދާޅުވި ގޮތުގައި މަޖިލީހަށް އާދައިގެ ބިލެއް ބަލައިގަތުމަށް ތައްޔާރުވާ އުސޫލުންނެވެ.
"މި ވޯޓާއެކު އިދިކޮޅު ފަރާތްތަކުން އިތުރަށް ރައްޔިތުންގެ ކުރިމަތީގައި ފަޟީހަތްވެގެން ދާނެ. އެ މީހުން މިހާރު ތިބި ހާލަތަށް ވުރެ ވެސް މާދަށް ހާލަތަކަށް ވެއްޓޭނެ. މި އަށް ވުރެ މާރަނގަޅުވީސް ޒިންމާދާރު މަސައްކަތްތަކެއް ކުރަން މަޑުން ތިބި ނަމަވެސް،" ރިޔާޒް ވިދާޅުވި އެވެ.
މަސީހް މަގާމުން ވަކިކުރަން ނަގާ ވޯޓު އަންނަ ހޯމަދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ.
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލީހުގެ ރައީސްގެ މަގާމުން މަސީހް ވަކިކުރަން ބޭނުންވާ އަދަދަށް، ވޯޓު ހަމަވެފައިވާ ކަމަށް، އެ ވޯޓުގައި އިސްކޮށް އުޅުއްވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
މި ވޯޓަކީ ހަމައެކަނި މަސީހާ ދެކޮޅަށް ނަގާ ވޯޓެއް ނޫން ކަމަށާއި ވޯޓުގެ ތިން ދުވަސް ކުރިން ފެށިގެން ޕީޕީއެމްގެ ހުރިހާ މެމްބަރުން މާލޭގައި ތިއްބެވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.