އައްޑޫ ހުޅުމީދޫގައި އިއްޔެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި ޒުވާނާ އަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އެކްސިޑެންޓުވެ، ފަރުވާދެމުން އަންނަނީ މަރަދޫފޭދޫ، އުމުރުން 18 އަހަރުގެ މުހައްމަދު އިލްމު އަށެވެ.
އެނގިފައިވާ ގޮތުގައި އޭނާ ޕްރެކްޓިސް ކުރަމުން ދިޔައީ އައްޑޫ މޮޓޯ ރޭސިން އެސޯސިއޭޝަނުން އިސް ނަގައިގެން ހުޅުދޫގައި މިއަދު ފެށި "އެންމެންގެ ޑްރެގް ޗެމްޕިއަންޝިޕަށެވެ.
އިލްމު އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ. އެކަމަކު، ހާލު ސީރިއަސް ވުމުން އިތުރު ފަރުވާ އަށް އިއްޔެ އޭނާ މާލެ ގެނައީ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އިލްމު އަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށެވެ. އިލްމުއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.
އިއްޔެ ހެނދުނު 11:30 ހާއިރު އެ އެކްސިޑެންޓުވީ ސައިކަލު ރޭސިން ޕްރެކްޓިސްގައި އުޅެނިކޮށް ސައިކަލު ކޮންޓްރޯލް ނުވެ، ހަދަން ފަށާފައި ހުރި ގެއެއްގެ ތަނބެއްގައި ޖެހިގެންނެވެ.