ހުޅުމާލެ ހޮސްޕިޓަލުގައި 30 އެނދުގެ ޑައިލިސިސް ސެންޓަރެއް ހަދަން ދެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ.
އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، 90 ދުވަހުގެ ތެރޭގައި މަސައްކަތްތައް ނިންމުމުގެ އެއްބަސްވުމުގައި މާލެ ހޮސްޕިޓަލްސް ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމާއި އެކަން ހަވާލުކުރި މެޑްޓެކްގެ ޗެއާމަން އަހުމަދު ހައިކަލް އަދި މެޑިކޮމްގެ މެނޭޖިން ޑިރެކްޓަރު ޝިވާޒު މޫސާ ވަނީ ސޮއިކުރައްވައިފަ އެވެ.
އެ ކޮންމެ ކުންފުންޏަކުން ބަހައްޓާނީ 15 އެނދެވެ.
ޑައިލިސިސް ސެންޓަރު ހަދަން ތިން ފަރާތަކުން ކުރިމަތިލި އެވެ. އޭގެ ތެރެއިން އެއް ފަރާތަކުން ނަން ނެގި އެވެ.
ހޮސްޕިޓަލުން ބުނީ ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނައިރު، ސިއްހީ ބޭނުންތައް ފުއްދުމަށްޓަކައި ޑައިލިސިސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރަން ޖެހިފައިވާ ކަމަށެވެ. މިއީ، އެކަން ހާސިލްކުރަން ފަށާފައިވާ މަސައްކަތެވެ.
އަހަރެއްގެ މައްޗަށް ތިން ލައްކައެއްހާ މީހުން ފަރުވާ ހޯދަމުން އަންނަ ހުޅުމާލެ ހޮސްޕިޓަލުގައި މި ވަގުތު ހުރީ ޑައިލިސިސް ހަދަން 10 އެނދެވެ. އެކަމަކު، ކިޑްނީ ބަލީގެ މީހުންނަށް ހާއްސަކޮށްގެން ހަދާ ސެންޓަރު ބޭނުންކުރަން ފެށުމުން، ކުރީގެ ޖާގަ އެހެން ފަރުވާއަކަށް ބޭނުންކުރާނެ އެވެ.
ޑައިލިސިސް ސެންޓަރު ހަދަން މެޑްޓެކަށް ސަރުކާރުން އެއްވެސް ފައިސާއެއް ނުދޭނެ އެވެ. އޭގެ ބަދަލުގައި، މެޑްޓެކަށް ދޭނީ އެ މެޝިނަރީޒް ހިންގަން ބޭނުންކުރާ ރީއެޖެންޓު ގަންނާށެވެ. މިއީ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އާއްމުކޮށް އަމަލުކުރާ އުސޫލެވެ.
އާ ހިދުމަތްތައް ތައާރަފްކޮށް، ސަރުކާރުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލް ހިންގާ ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ އިތުރުން އެ ހޮސްޕިޓަލް މިހާރު ހިންގާ ހަ ބުރީގެ އިމާރާތާ އިންވެގެން 15 ބުރީގެ އާ އިމާރާތެއް ހަދައި، ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރަމުން އަންނަ ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.