މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަކަށް ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) މާލޭގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު މުޖާހިދު ހަމަޖައްސައިފި އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ރިޓަޔާ ކުރެއްވުމުން މަޖީދިއްޔާ އަށް ޕްރިންސިޕަލެއް ހޯދަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މުޖާހިދު އެ މަގާމަށް ހަމަޖެއްސީ އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން ހޮވިގެންނެވެ. އޭނާ މިއަދު ވަނީ ސްކޫލަށް ނުކުންނަވަން ފައްޓަވައިފަ އެވެ.
މީގެ ކުރިން ޓީވީއެމްގައި ޕާޓް-ޓައިމް ޕްރެޒެންޓަރަކަށް ވެސް އުޅުއްވި މުޖާހިދު ފުރަތަމަ އުޅުއްވީ ދާންދޫ ސްކޫލުގެ ފިޒިކްސްއާއި ހިސާބު ޓީޗަރަކަށެވެ.
މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ މުޖާހިދު ވަނީ އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި އެ ސްކޫލްގެ ލީޑިން ޓީޗަރުގެ މަގާމުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ޕާޓް ޓައިމް ލެކްޗަރާކަން ވެސް ކުރައްވައިފަ އެވެ.
އޭގެ ފަހުން އެޑިޔުކޭޝަން މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި އެވެ.