ގާނޫނުއަސާސީ ހަދައި، އެ އިސްލާހު ކުރުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ކަމަށް ޑިމޮކްރެޓްސް ޕާޓީގެ ރައީސް އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ ބާރު އެ ކޯޓަށް ނެތް ކަމަށް މިއަދު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ސުޕްރީމް ކޯޓުގައި ބުނެފަ އެވެ.
ސުޕްރީމް ކޯޓުގައި ދައުލަތުން ދެއްކި ވާހަކަތަކަށް ތާއިދު ކުރައްވާ މޭރަމަކުން އިމްތިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ހެދުމާއި އެ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުން ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ.
އެކަމަށް ބާރު ދެއްވުމުގެ ގޮތުން އެމެރިކާގެ މިސާލެއް ވެސް ގާނޫނީ ވަކީލް އިމްތިޔާޒު ދެއްކެވި އެވެ. އެއީ ބަނގުރާ މަނާކޮށް، އެމެރިކާގެ ގާނޫނުއަސާސީއަށް ގެނައި 18 ވަނަ އިސްލާހަށް ފަހު ކަންވީ ގޮތެވެ. ބައެއް ރައްޔިތުންނަށް އެއީ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބެލެވުނު ނަމަވެސް، އެ އިސްލާހު އެގޮތުގައި އޮތްހާ ހިނދަކު އޮތީ ގާނޫނުއަސާސީގެ ބައެއްގެ ގޮތުގަ އެވެ.
އެކަން ބަދަލުކުރީ ގާނޫނުއަސާސީއަށް އިތުރު އިސްލާހެއް ގާނޫނު ހަދާ މަޖިލީހުން ގެނެސް، ބަނގުރާ ބޭން އުވާލުމުންނެވެ.
"...މާނައަކީ ގާނޫނުއަސާސީ ހެދުމާއި އިސްލާހު ކުރުމުގެ ބާރު އޮތީ ހަމައެކަނި ގާނޫނު ހަދާ ބާރަށް ކަން،" އިމްތިޔާޒު ވިދާޅުވި އެވެ.
ނަމަވެސް، މިއީ މުޅި ޑިމޮކްރެޓްސް ޕާޓީގެ ވިސްނުމެއް ނޫނެވެ.
އެ މައްސަލައިން ބޭރުވާން ނިންމީތޯ "މިހާރު" އިން ސުވާލުކުރުމުން އިމްތިޔާޒު ވިދާޅުވީ އެގޮތަށް ރަސްމީކޮށް ނުނިންމާ ކަމަށެވެ.
އެ ޕާޓީގެ ބައެއް މެންބަރުން "މިހާރު" އަށް ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސް ކަމުގެ މަގާމުގައި ހަސަން ލަތީފް ހުންނެވިއިރު ނިންމަވާފައި އޮތީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައަށް އެ ޕާޓީން ވަނުމަށެވެ. އެ ނިންމުން އަދިވެސް އެގޮތުގައި ދެމި އެބައޮތް ކަމަށާއި ބަދަލުނުކުރާ ކަމަށް ވިދާޅުވި އެވެ.
ޑިމޮކްރެޓްސް ޕާޓީން ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ބަޔާނެއް ވެސް ނެރެފަ އެވެ. އަދި އިސްލާހު ބާތިލް ކުރަން ކޯޓަށް ހުށަހަޅަން ތާއިދުކުރާ ކަން ވެސް ހާމަކޮށްފައިވެ އެވެ. އެކަމަކު، މިއަދު އޮތް އަޑުއެހުމަށް އެ ޕާޓީން ހާޒިރުވެފައެއް ނުވެ އެވެ.
މައްސަލަ ބައްލަވާ ބެންޗުން އިއުލާން ކުރެއްވި ގޮތުގައި ވެސް މައްސަލައަށް ތަދުއްހުލުވެފައިވަނީ އިދިކޮޅު އެމްޑީޕީން އެކަންޏެވެ.
ސުޕްރީމް ކޯޓުގައި މިއަދު ފެށި އެ މައްސަލައިގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ އެއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހްތިސާސް އޮތް މައްސަލައެއް ނޫން ކަމަށެވެ. އަލީ ހުސެއިން މައްސަލަ ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީ އަށް ގެނައި ގާނޫނު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް، މިފަދަ މައްސަލަތައް ދުސްތޫރީ މައްސަލައިގެ ތަރަހައިގެ ތެރެއަށް ނުފެތޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
ފާތިމަތު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަ ބިލްތަކަކީ ގާނޫނެއް ގޮތަށް ބަޔާން ކޮށްފައިވީ ނަމަވެސް އެއީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫނެވެ. އެއީ ހާއްސަ އިޖުރާއަތެއްގެ ދަށުން ހާއްސަ އުސޫލަކުން ފާސްކުރާ އެއްޗެއް ކަމަށާއި އެ އަށް ގާނޫނެއްގެ ދަރަޖަ ދޭ ނަމަ އިޖުރާއީ ބޮޑެތި މައްސަލަތައް ވެސް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ދެކޭ ގޮތުގައި ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކަކީ ގާނޫނުއަސާސީގެ ބައެކެވެ. އެ މާނަ ކުރަން ޖެހޭނީ ވެސް އެގޮތަށް ކަމަށް އޭޖީ އޮފީހުން ދެކެ އެވެ.
ވަކީލް އެހެން ވިދާޅުވުމުން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކުގެ މައްސަލަތައް ބެލޭނީ ކޮން ކޯޓަކަށްތޯ ފަނޑިޔާރު އައިޝާ ޝުޖޫން ސުވާލު ކުރެއްވި އެވެ. ވަކީލް ވިދާޅުވީ ގާނޫނުއަސާސީއަށް އިޖުރާއަތުގެ ތެރެއިން އުސޫލާ އެއްގޮތަށް ގެންނަ އިސްލާހުތައް އެއްވެސް ކޯޓަކަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.