ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ ދެ ވަނަ ކާފަ ވެސް ހުޅުމާލޭ ޖަލުގައި ރޭ މަރުވެއްޖެ އެވެ.
ޖެނުއަރީ، 2020 ގައި ދެ އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ މުނިކާފަ ކަނޑުހުޅުދޫ އަންނާރުމާގޭ، ހަސަން މޫސާ ދީދީ، 85 އާއި ކާފަ އެ ރަށު ރިހިވެލި، އިބްރާހިމް ދީދީ، 67 ޖިންސީ ގޯނާކުރި މައްސަލާގައި އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022 ގަ އެވެ.
އޭގެ ތެރެއިން އެ ކުއްޖާގެ މުނިކާފަ ހަސަން ދީދީ ވެސް ވަނީ ސެޕްޓެމްބަރު 2023 ގައި ޖަލުގައި މަރުވެފަ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ، ޖިންސީ ގޯނާ ލިބުނު ކުއްޖާގެ ކާފަ އިބްރާހިމް ދީދީ މަރުވީ ރޭ ދަންވަރު ކަމަށެވެ.
ހުޅުމާލޭ ޖަލަށް ލާފައިވާ އިބްރާހިމް ދީދީ ހޭލާ އުޅެނިކޮށް ވެއްޓުމާ އެކު، ކަރެކްޝަންސްގެ މެޑިކަލް ޓީމުން ގޮސް އަވަސް ފަރުވާ ދިން ނަމަވެސް ހަރަކާތެއް ނެތުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އެކަމަކު، ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތުމުން އޭނާ މަރުވެފައިވާ ކަން ހުޅުމާލެ ހޮސްޕިޓަލުން ރޭ ދަންވަރު 2:40 ހާއިރު ނިންމި އެވެ.
"މީނާއަކީ ހައި ބްލަޑް ޕްރެޝަރު، ކޮލެސްޓްރޯލް އަދި ޓްރެމާސް ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ،" ކަރެކްޝަންސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އިބްރާހިމް ދީދީ މަރުވިކަން އޭނާގެ އާއިލާ އަަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި އެޗްއާރުސީއެމާއި އެންއައިސީ އަށް އަންގާފައިވާ ކަަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ދެ އަހަރުގެ ކުއްޖާގެ މުނިކާފަ ހަސަން ދީދީ ވެސް މަރުވީ އެތައް ބައްޔެއް ޖަލުގައި ހުރެ ތަހައްމަލު ކުރަމުން ދަނިކޮށެވެ.
ސެޕްޓެމްބަރު 9، 2023 ގައި ހަސަން ދީދީ ހުޅުމާލޭ ޖަލުގައި މަރުވީ ހިތް ހުއްޓިގެން ކަަމަށް ވާއިރު، އުމުރުން ދުވަސްވުމުގެ ސަބަބުން ޖަލުގައި ވެސް ހިނގައި ނޫޅެވޭތީ އޮތީ އެނދުމަތި ކޮށްފަ އެވެ.