ސަރުކާރުގެ "ޓެކްސީ ލައިން" ގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
މީރުމާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ރަސްމީކޮށް އެމްޓީސީސީއާ ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަމީމް އެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
އެ އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލްތައް (އީވީ) މެދުވެރިކޮށެވެ. މި ހިދުމަތް ދޭން ހަމަޖެހިފައި ވަނީ ހިދުމަތް ދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ގާއިމުކޮށް، ރާއްޖެއިން ބޭރުގައި ދޭ އޫބާ އާއި ގްރޭބް ފަދަ ހިދުމަތްތަކުގެ ސްޓައިލަށެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ސައުދީ ވިދާޅުވީ، އެ ކުންފުނިން އެ ހިދުމަތް ތައާރަފްކުރަނީ އާއްމުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އެ ހިދުމަތް ތައާރަފްކުރުމުގައި ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަކަށް އިސްކަންދިނުމުގެ ގޮތުން، އެ ޓެކްސީ ލައިންގައި ހިމެނޭނީ ތިމާއްޓާ ރައްޓެހި ޓެކްސީތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ސައުދީ ވިދާޅުވިގޮތުގައި، އެ ހިދުމަތާ އެކު ގިނަ ބަޔަކަށް ވަޒީފާގެ ފަހި ފުރުސަތުތަކެއް ވެސް ހުޅުވޭނެ އެވެ.
"އަޅުގަނޑުމެން ފުލް ޓައިމް އަދި ޕާޓް ޓައިމްކޮށް ވަޒީފާ ލިބޭނެ. މިއީ ވަޒީފާ ނެތް ފަރާތްތަކަށް ވެސް ބޭނުން ހިފޭނެ ދޮރެއް. މިއީ އާއްމުންނަށް ބޮޑު މަންފާއެއް ލިބޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސައުދީ ވިދާޅުވީ މި ހިދުމަތަށް ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފުން ހޮވާނީ މަސައްކަތަށް އަހުލުވެރި ކުރުވުމަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ފަހު ކަމަށެވެ. އެ ސެޝަންތަކަކީ މަގުމަތީގައި އެއްޗެހި ދުއްވުމުގެ ރަނގަޅު އާދަކާދަތަކަށް ހިފެހެއްޓުމަށް އެހީވެދީ، ބާރު އަޅާނެ ސެޝަންތަކެއް ކަމަށް ވިދާޅުވި އެވެ.
ސައުދީ ވިދާޅުވީ އެ ހިދުމަތާ އެކު، ފެންވަރު ރަގަޅު ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމްވާނެ ކަމަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މި އަހަރުގެ ތެރޭގައި މި ހިދުމަތް މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދޭން ފަށާނެ އެވެ. ދެ ވަނަ ފިޔަވަހީގެ ދަށުން 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ވިލިނގިލި އަދި ތިލަފުއްޓަށް އެ ހިދުމަތް ތައާރަފްކުރާނެ އެވެ. ތިން ވަނަ ފިޔަވަހީގައި އެ ހިދުމަތް ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުއްޓަށް 2028 ވަނަ އަހަރާއި 2029 ވަނަ އަހަރު ތައާރަފްކުރަން ވަނީ ރާވާފަ އެވެ.
ސަރުކާރުން ދޭ ޓެކްސީގެ ހިދުމަތް 24 ގަޑިއިރު ދޭނެ އެވެ.