ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި އާއި މަތިމަސް ނުބެހެއްޓޭތީ، އެކަން ހައްލު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރެވެ. އެ ކަމަކު، އޭނާ ގަރާރު ހުށަހެޅުއްވީ އަމިއްލަ ގޮތުންނެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރުމުގައި ކުރިން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މައުރޫފްގެ ގަރާރުގައި ވަނީ ބައެއް ރިސޯޓްތަކުގެ ޑްރެސްކޯޑު ކަނޑައަޅާފައިވާ ގޮތުގެ ސަބަބުން މުވައްޒަފުން ތުނބުޅި މަތިމަސް ބެހެއްޓުމަށާއި ބުރުގާ އެޅުން ފަދަ ކަންކަމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
"މި ކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ ރައްޔިތުންގެ ތެރެއިން ބުރުގާ އަޅައިގެން ނުވަތަ ތުނބުޅި މަތިމަސް ބަހައްޓައިގެން ތިބޭ ފަރާތްތަކުގެ މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ،" ގަރާރުގައި ބުނެފައިވެ އެވެ.
އޭގެ ބަދަލުގައި މި ހުރަސްތައް ނައްތާލައި، ޓޫރިޒަމް ވިޔަފާރިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އަމަލު ކުރާނެ ގްރޫމިން ސްޓޭންޑަޑަކާއި ޑްރެސްކޯޑެއް އެކުލަވާލުމަށް އެ ގަރާރުގައި ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވި ގޮތުގައި ތުނބުޅި މަތިމަސް ބެހެއްޓުމަށާއި ބުރުގާ އެޅުން ފަދަ ކަންކަމަށް ފުރުސަތު ދެނީ ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރެއިން 45 ޕަސެންޓް ރިސޯޓުތަކުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން 11،000 އަށް މީހުން ބައިވެރިކޮށްގެން ހެދި ސާވޭއެއްގައި 93 ޕަސެންޓު މުވައްޒަފުން އެކަށީގެންވާ މިންވަރަކަށް ތުނބުޅި ބަހައްޓަން ބޭނުންވާ ކަން އެނގުނު ކަމަށެވެ.