މި ސަރުކާރު އައިފަހުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އެދެވޭ ސްޕީޑްގައި ކުރިއެރުވުމަށްޓަކައި އާއި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަހަކީ ޒަމާނުއްސުރެން ފެށިގެން އޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށެވެ.
މިދިޔަ ސަރުކާރުގައި 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޑީޕޯޓްކޮށްފައި ވަނީ 2،649 ބިދޭސީންކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތް ދުވަހުން ފެށިގެން މިހާތަނަށް 6،076 ބިދޭސީން ރާއްޖެއިން ބޭރަށް ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.
"އޮޕަރޭޝަން ކުރަނގި"ގެ ދަށުން މިހާތަނަށް 59 ރަށެއްގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ނަގައި ނިމިފައިވާކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުން މިހާތަނަށް 43،294 ބިދޭސީންގެ މައުލޫމާތު ނަގައި ނިމިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ނޮވެންބަރު 17، 2023 އިން ފެށިގެން މިއަދާ ހަމައަށް 24،540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވެ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރުމަށް ތައާރަފްކުރި "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 1،297 މައްސަލަ ވަނީ ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 11 މައްސަލައެއް ފިޔަވައި ހުރިހާ މައްސަލައެއް ވަނީ ނިމިފަ އެވެ.
ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި އެކިއެކި ކުށްތަކަށް އަރައިގެންފައިވާ ބިދޭސީން ހިމެނެ އެވެ. އެގޮތުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށި ވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާ ބިދޭސީން ވެސް އެ އޮޕަރޭޝަނުގައި ޑީޕޯޓް ކޮށްފައިވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބިދޭސީން ދިރިއުޅޭ ތަންތަނާއި މަސައްކަތްކުރާ ތަންތަން ވެސް އިމިގްރޭޝަނުން ދަނީ ބަލައި ފާސް ކުރަމުންނެވެ.