ރާއްޖޭގައި ހިންދޫ ދީނުގެ ރޫހާނީ ފަރުވާ އާއި ފާލުބެލުމުގެ ހިދުމަތް ދިނުމަށް ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރި ބިދޭސީންގެ ބަޔަކު މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިފަހައްޓައިފި އެވެ.
އެ އިދާރާ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގައި ފާލުބެލުމުގެ ހިދުމަތް ދޭން އުޅުނު އިންޑިއާގެ ތިން މީހަކު ހިފަހައްޓާފައިވާ ކަމަށެވެ. އެ އެންމެން ވެސް ހިފަހައްޓާފައި ވަނީ އެ މީހުންނަށް ދޫކޮށްފައިވާ ވިސާއާ ހިލާފުވެގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެއީ އުމުރުން 18 އަހަރާއި 25 އަހަރާއި 39 އަހަރުގެ ފިރިހެނުންނެވެ.
އެ އެންމެން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"މާސްޓަ ދުރްގާ ރާއޯ ގުރުޖީ" ކިޔާ ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ އެ އިޝްތިހާރުތަކުގައި ބުނި ގޮތުގައި، އެ މީހުންނަކީ ފާލުބެލުމާއި ސިހުރު ރަނގަޅު ކުރުމުގެ ފަރުވާ އާއި ސިއްހީ މައްސަލަތަކާއި ކައިވެނީގެ މައްސަލަތަކަށް ހައްލު ހޯދައިދޭ ބައެކެވެ. އެޕޮއިޓްމަންޓް ހެދުމަށް ރާއްޖޭގެ ފޯނު ނަންބަރެއް ވެސް އެ އިޝްތިހާރުގައި ޖަހާފައި ވެ އެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް ހިންދޫ ދީނުގެ މީހަކު މާލޭގައި އެ ދީން ފަތުރަން ހަރަކާތްތަކެއް ބާއްވަން އުޅުނު މައްސަލައެއް ފެންމަތިވެ، އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހެޅި އެވެ.