ރާއްޖޭގެ މުޅި ޕަބްލިކް ސާވިސް ދާއިރާ ކުރިއަށް އޮތް އަހަރުތަކުގައި އެއްކޮށް ޑިޖިޓަލް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ޑިޖިޓަލް ދާއިރާގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެއް ގައުމު އެސްޓޯނިއާ ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ޑިޖިޓަލް ކުރުމުގެ ދާއިރާ އިން އެސްޓޯނިއާ ހޯދާފައިވާ ކުރިއެރުންތަކާއި ކުރިމަތިވި ގޮންޖެހުންތައް އެކިއެކި ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި އަޑުއެއްސެވުމަށް ފަހު، ރައީސް ވިދާޅުވީ އެ ގައުމުގެ އެހީތެރިކަން ކުރިމަގުގައި ރާއްޖެ އަށް ދޭނެ ކަމަށް ބުނުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ މަގުސަދު ހާސިލް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރައީސް މުއިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުގައި، އެ ގައުމުގެ މިއުޒިއަމަށް ޒިޔާރަތް ކުރައްވައި މައުލޫމާތު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުގައި، އެ ގައުމުގެ މިއުޒިއަމަށް ޒިޔާރަތް ކުރައްވައި މައުލޫމާތު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ނަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ދެ ދާއިރާ ވެސް ކުރިއަށް އޮތް 2-3 އަހަރުގެ ތެރޭގައި އެއްކޮށް ޑިޖިޓަލް ކުރާނެ ކަމަށެވެ. އަދި އެ ކަމަށް ދިވެހިންގެ އެއްބާރުލުން ލިބޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއީ ހަގީގަތުގައި މީގެ އެންމެ މުހިންމު ތަންކޮޅަކީ. ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަދި މުވައްޒަފުންގެ އެއްބާރުލުން. ކޮންމެ ގޮތެއް ވިޔަސް ބަދަލެއް އަންނައިރުގައި ނެޗުރަލީ އެ އޮންނަ ރެސިސްޓެންސެއް އޮންނާނެ. އެކަމަކު މިއީ ޕޮޒިޓިވް ޗޭންޖެއް ވީމާ މިކަން ބަލައިގަތުން ކާމިޔާބު ކަމަކަށް ވާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ހުރިހާ ހިދުމަތެއް ޑިޖިޓަލް ވެފައިވާ ގައުމެއްގެ ގޮތުގައި އެ މަނިކުފާނުގެ މި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ވާނެ އެވެ.

ރައީސް ވިދާޅުވީ، ދުނިޔެ އަށް އަންނަ ތަރައްގީ ދިވެހިން ވެސް ބަލައިގަންނަން ޖެހޭނެ ކަމަށާއި އެއާ ދެކޮޅަށް ނުދެވޭނެ ކަމަށެވެ.

"އާޓިފިޝަލް އިންޓެލިޖެންސަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް. އެހެންވީމާ އޭއައި މާސްޓަޕްލޭނެއް ހެދި އަޅުގަނޑުމެންގެ ގައުމު ތަރައްގީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެސްޓޯނިއާގައި އޭއައި ޓެކްނޮލޮޖީ ބޭނުންކުރަން ފެށި ގޮތް ވެސް އޮޅުންފިލުއްވައި އޭގެ މައުލޫމާތު ވެސް މި ދަތުރުފުޅުގައި ހޯއްދެވި ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި އެ މަނިކުފާނު އެންމެ ބޮޑަށް ކުރައްވަން ބޭނުންފުޅުވާ އެއްކަމަކީ ސަރުކާރުގެ އިދާރާތަކުގައި ކަރުދާސްތައް ބޭނުންކުރުމުގެ ބަދަލުގައި "ޑިޖިޓަލް އާކައިވް" އެއް ގާއިމް ކުރުން ކަމަށާއި އެކަން ވެސް ކުރައްވާނެ އެވެ.

ރައީސް މުއިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުގައި، އެ ގައުމުގެ މިއުޒިއަމަށް ޒިޔާރަތް ކުރައްވައި މައުލޫމާތު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުގައި، އެ ގައުމުގެ މިއުޒިއަމަށް ޒިޔާރަތް ކުރައްވައި މައުލޫމާތު އޮޅުން ފިލުއްވަނީ.---ފޮޓޯ: ރައީސް އޮފީސް

"ޑިޖިޓަލް ދާއިރާ އިން އަޅުގަނޑުމެންގެ އިގުތިސާދު ފުޅާކުރަން ބޭނުން. އަޅުގަނޑު ކަނޑައަޅާފައި އޮންނާނެ 2030 ގެ ކުރިން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިމްޕްރޫވް ކުރަމުން ތަރައްގީ ކުރަމުން ގޮސް އެންމެ މަދުވެގެން 15 ޕަސެންޓް އަޅުގަނޑުމެންގެ ޖީޑީީޕީ އަށް ހިއްސާކުރާނީ ޑިޖިޓަލް އިކޮނޮމީ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެސްޓޯނިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށެވެ. އެސްޓޯނިއާ އަށް ވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ރައީސްގެ ޝަރަފު މި ދަތުރުފުޅާ އެކު ރައީސް މުއިއްޒަށް ވަނީ ލިބިވަޑައިގެންފަ އެވެ.

އެސްޓޯނިއާ އިން ވެސް "ޑިޖިޓަލް ރާއްޖެ" ގެ ތަސައްވުރު ހާސިލް ކޮށްދިނުމުގައި އެހީތެރިކަން ދިނުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ. އަދި އެކަމާ ގުޅޭ އެމްއޯޔޫތަކެއްގައި ވެސް ރައީސްގެ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެވެ.