ހުޅުމާލެ 2 ގެ ކަރަންޓު ޓްރާންސްފޯމަރަކުން މިރޭ ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުނު ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާ ދީފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ "މިހާރު" އަށް ވިދާޅުވީ މީގެ 30 މިނިޓެއް ހާއިރު ކުރިން ޓްރާންސްފޯމަރަކުން ވައްކަން ކުރުމުގެ ސަބަބުން އެމްޕީއެލްގެ ފްލެޓުތަކުން ކަރަންޓު ކެނޑިފައިވާ ކަަމަށެވެ. އަދި އެކަން ހައްލުކޮށް، ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޓްރާންސްފޯމަރުން ވައްކަން ކުރީ ދެ މީހަކު ވެގެންނެވެ.
ފަހުމީ ވިދާޅުވީ، ކަރަންޓު ކެނޑުމާ އެކު ސްޓެލްކޯގެ މުވައްޒަފަކު އެ ތަނަށް ގޮސް އެ ދެ މީހުން ހިފެހެއްޓުމުން، ރެންޗަކުން އެ މުވައްޒަފުގެ ބޮލަށް ހަމަލާދިން ކަމަށެވެ. އެހެންވެ، އެ މުވައްޒަފަށް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށް ފަހުމީ ވިދާޅުވި އެވެ.
"ވައްކަން ކުރީމަ މުވައްޒަފުގެ ގައިގައި ވަރަށް ބާރަށް ތަޅައިގަތީ ރެންޗަކުން. އެހެންވީމާ މުވައްޒަފަށް ވެސް ވަރަށް ބޮޑަށް އަނިޔާވި. ބޯ ފަޅައިގެން ގޮސްގެން ފަރުވާދެނީ ހޮސްޕިޓަލުގައި،" ފަހުމީ ވިދާޅުވި އެވެ.
މާރާމާރީ ހިންގި އެކަކު ފުލުހުންނާ މިހާރު ހަވާލު ކޮށްފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ވަނީ ހައްދުން ނައްޓައިފަ އެވެ. މިއީ ޖެހިޖެހިގެން އެކަންކުރާތާ ހަތަރު ވަނަ ދުވަސް ކަމަށް ފަހުމީ ވިދާޅުވި އެވެ.
ޓްރާންސްފޯމަރަށް ވަދެގެން ވައްކަން ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި މީގެ ސަބަބުން ރައްޔިތުންނަށް ވެސް ބޮޑު ތަކުލީފަކާ ކުރިމަތިލާންޖެހޭ ކަަމަށް ވިދާޅުވެ ފަހުމީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މީގެ ކުރިން ވަނީ ވައްކަން ކުރަން ޓްރާންސްފޯމަރަށް ވަދެ އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެފަ އެވެ. އެކަމަކު ވެސް ވަގުން އެކަން ހުއްޓާނުލައި، ކަަރަންޓު ނަރުތައް ބުރިކޮށް ވިއްކާ މައްސަލަ ބޮޑެވެ.