މޯލްޑިވިއަން އެއާލައިނަށް ގެންނަ ބޮޑު ބޯޓު ދައްކާލަން އަންނަ ހޯމަ ދުވަހު އެއާ ޝޯ ބާއްވަން ނިންމައިފި އެވެ.
އެ އެއާލައިނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 އަށް މަރުހަބާ ކިޔައި އެ ކާމިޔާބީގައި ބައިވެރިވުމަށް އަންނަ ހޯމަ ދުވަހު މާލެ އާއި ހުޅުމާލޭގައި އެއާ ޝޯއެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އެއާ ޝޯ ބާއްވަނީ އެ ދުވަހުގެ ހަވީރު 5:00-5:30 އަށެވެ. އެއީ މާލޭގެ އުސްފަސްގަނޑުގެ އިތުރުން، ހުޅުމާލެ 1 އަދި 2 ގެ އިރުމަތީ ފަރާތު އަތިރިމަތީގަ އެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ މަހު ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓު ގެނެސް އުދުހެން ފަށާނެ ކަމަށް އިއުލާންކުރައްވައިފަ އެވެ.
ދަތުރުކުރާ މަންޒިލްތައް ފުޅާކުރަމުން ގޮސް އަންނަ އަހަރުގެ ތެރޭގައި ޗައިނާ އާއި ޔޫރަޕްގެ މަންޒިލްތަކަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިދިޔަ ޑިސެމްބަރު މަހު "މިހާރު"އަށް ވިދާޅުވީ އެ ބޯޓުތަކާ އެކު އާ ހަތް މަންޒިލަކަށް ދަތުރުތައް ފަށާނެ ކަމަށް އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗައިނާގެ ތިން ސިޓީއަކާއި ސައުތު އެފްރިކާގެ ޖޮހޭނަސްބާގާއި ޔޫރަޕްގެ ތިން ސިޓީ އަށް ދަތުރުތައް ބަލާފައިވާ ކަމަށެވެ.
މީގެ ކުރިން މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާ އާއި ސައުތު އެފްރިކާ އަށް ދަތުރުކުރި އެވެ. ނަމަވެސް، އެ އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 24 ބޯޓު އެބައޮތެވެ. އެއީ، އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި ޑޭޝް މަރުކާގެ އަށް ބޯޓާއި އޭޓީއާރުގެ ހަތަރު ބޯޓާއި ސީ ޕްލޭންގެ 11 އޭޓީއާރްގެ ހަތަރު ބޯޓާއި ޑޭޝް ޓުވިން އޮޓާގެ 11 ބޯޓެވެ. މި ވަގުތު ބޭރު ދަތުރުތައް ކުރުމަށް ބޭނުންކުރަނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.
މޯލްޑިވިއަން އިން ގެންނަ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާޓުން އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. އަދި ދުރު މަންޒިލުތަކަށް ސީދާ ދަތުރުތައް ކުރެވޭނެ އެވެ.