އާ އަހަރާ ދިމާކޮށް ބޭރުގެ ބޮޑު ދެ ކްރޫޒްލައިނާއަކުން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.
މި ވަގުތު މާލެ ބޭރުން އުތުރު ފަރާތުގައި ދެ ކްރޫޒްލައިނާއެއް ބަނދަރުކޮށްފައި އެބައޮތެވެ. އެއީ، މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ކްރޫޒްލައިނާ "އޯޝޭނިއާ ރިވިއާ" އާއި ބަހާމަސްގައި ރަޖިސްޓްރީކޮށްފައިވާ "ނޯވިއަން ސްކައި" އެވެ.
އޯޝޭނިއާ ރިވިއާ ރާއްޖެ އައީ މިއަދެވެ. އެއް ދުވަހަށް މާލެ ކައިރީގައި މަޑުކުރުމަށް ފަހު، 2،000 އަށް ވުރެ ގިނަ މީހުންގެ ޖާގަ އޮންނަ މި ކްރޫޒްލައިނާ މާދަމާ ސްރީ ލަންކާގެ ކޮލަމްބޯއަށް ދިއުމަށް ފުރާނެ އެވެ.
ނޯވިއަން ސްކައިގެ ރާއްޖޭގެ އޭޖެންޓް މަޔާ މޯލްޑިވްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކްރޫޒްލައިނާ ރާއްޖެ އައީ ދެ ދުވަހަށް ކަމަށެވެ.
އެ ކްރޫޒްލައިނާ މާލެ ބޭރުގައި ބަނދަރުކުރީ އިއްޔެ އެވެ. އެ ކްރޫޒްލައިނާ އިން މި ވަގުތު 1،872 ފަސިންޖަރުން ދަތުރުކުރެ އެވެ. ދެ ދުވަހަށް ފަހު މިރޭ އެ ކްރޫޒްލައިނާ ރާއްޖެއިން ފުރާނެ އެވެ.
މި ދެ ކްރޫޒްލައިނުން ދަތުރުކުރާ ވަރަށް ގިނަ ޓޫރިސްޓުން ވަނީ އެކްސްކާޝަންތަކަށް މާލެ އައިސްފަ އެވެ. އެހެންވެ، މާލޭގެ އުތުރު ހާބަރަށް މި ދެ ދުވަހު ވަރަށް ބާރުބޮޑެވެ.
ޓޫރިޒަމްގެ ޕީކް ސީޒަނާ އެކު، މި ދުވަސްވަރު ވައިގެމަގުން ވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ ދަތުރުކުރަމުންނެވެ. ޓޫރިސްޓުންގެ އިތުރުން، ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން ވެސް ރާއްޖެ އާއި ރާއްޖެއިން ބޭރަށް އަންނަނީ ދަތުރުކުރަމުންނެވެ.
ސީޒަނާ ދިމާކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މި މަހު އައި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ވެސް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މިހާތަނަށް އަޅާބަލާއިރު އަށް ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ ޑިސެމްބަރު މަހުގެ މިހާތަނަށް ނުވަތަ މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެކަނިވެސް 148 ޖެޓު މޫވްމަންޓްސް ރިކޯޑްކުރެވިފައިވެ އެވެ.
ރާއްޖެއަށް ޒިޔާތްކުރި ޓޫރިސްޓުންގެ އަދަދު ވެސް ފުރަތަމަ ފަހަރަށް، މި އަހަރު ވަނީ ދެ މިލިއަން ހުރަސްކޮށްފަ އެވެ.