ސާބިތު ދަރަންޏެއް ނުދައްކައި އޮތުމުގެ ސަބަބުން އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމްގެ މަގާމު ގެއްލިއްޖެ އެވެ.
ޖޭއެސްސީން އިއްޔެ ބުނީ، ސިވިލް ކޯޓަށް ހުށަހަޅައި، ނިމިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ދަރަނި އިސް މެޖިސްޓްރޭޓް މުއާވިޔަތު އަދާކުރައްވާފައި ނުވާ ކަމަށެވެ. އޭނާ ވަނީ ޖޭއެސްސީގެ މައްސަލަ ކޮމިޓީގައި އެކަމަށް އިއުތިރާފު ވެސް ވެފަ އެވެ.
ސާބިތު ދަރަންޏެއް އޮތް ނަމަ އެ ފައިސާ ދެއްކުމަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތެކެވެ. އެ އިން ޝަރުތެއް ފަނޑިޔާރެއްގެ ކިބައިން އުނިވެއްޖެ ނަމަ އެ ފަނޑިޔާރަކު ހުރި މަގާމު ހުސްވީ ކަމުގައި ގާނޫނުގައި ބަޔާންކުރެ އެވެ.
އެހެންވެ، އިސް މެޖިސްޓްެރޭޓް މުއާވިޔަތުގެ ކިބައިން ފަނޑިޔާރުކަމުގެ އެ އަސާސީ ޝަރުތު އުނިވެފައިވާތީ، އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމު ހުސްވީ ކަމުގައި ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފަ އެވެ.