މީހަކު ރަހީނުކޮށް، އަނިޔާކުރި ހިޔާ ފްލެޓުގެ އެޕާޓްމަންޓުން އަނެއްކާވެސް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހަތަރު މީހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކްރިމިނަލް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ ހިޔާ ފްލެޓުގެ H9-20-11 އެޕާޓްމަންޓު ކަމަށެވެ.
އެ އެޕާޓްމަންޓުގައި މީހަކު ރަހީނު ކޮށްގެން ގެންގުޅުނު މައްސަލައެއް މިދިޔަ މަހު ފެންމަތިވި އެވެ. ފުލުހުން އެ މީހާ ސަލާމަތްކުރީ އޭނާގެ ބޯ ބާލައި، އިނގިލި ބުރިކުރަން އުޅެނިކޮށެވެ. ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގައި، އެ މައްސަލާގައި 12 މީހަކު ހައްޔަރު ވެސް ކުރި އެވެ.
ފުލުހުން މިއަދު ބުނީ އެ އިދާރާގެ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް، 40 އާއި ގއ. ކޮލަމާފުށި، އޯޝަންބްލޫ، އަބްދުﷲ ހަސަން، 41 އާއި ހދ. ނޭކުރެންދޫ، އިރުދޭމާގެ، ހުސައިން ރިޔާޒު، 33 އަދި ގއ. ދާންދޫ، ވަލުތެރޭގެ، އަބްދުﷲ ޖަމީލު، 32 އެވެ.
އެ އެޕާޓްމަންޓް ބަލައިފާސްކުރި އިރު މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ އެޕާޓްމަންޓުން ކުރިން ހައްޔަރުކުރި މީހުންގެ ބަންދަށް ފަހުން ވީގޮތެއް އަދި ސާފެއް ނުވެ އެވެ.