މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެޗްޑީއެފްސީގެ ބޯޑަށް ޝަފީގް އައްޔަންކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެޗްޑީއެފްސީގެ ވެބްސައިޓުގައި ވެސް އޭނާ އަކީ އެ ކުންފުނީގެ ބޯޑު މެމްބަރެއް ކަމަށް ބުނެފައިވެ އެވެ.

ޝަގީފް ވަނީ ކުރިން އެޗްޑީއެސްފީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމު ވެސް 2021 އިން 2023 އަށް އަދާކުރައްވައިފަ އެވެ. އޭގެ ކުރިން ވެސް އެ ކުންފުނީގެ ސީނިއާ މަގާމުތައް އަދާކުރެއްވި އެވެ.

ޝަފީގަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ގެނައި ބަދަލުތަކަކާ އެކު، ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

ޝަފީގަށް ފަހު، ފިނޭންސް މިނިސްޓަރުކަން މިހާރު ކުރައްވަނީ މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރެވެ.