ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރެއްވިތާ ހަތަރު މަސް ފަހުން، އެ މަގާމުން މުހައްމަދު ސައީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަން ކުރިން ކުރެއްވި ސައީދު ދައުލަތުގެ މީޑިއާގެ އިސް ވެރިޔާގެ މަގާމަށް ހަމަޖެއްސެވީ މިދިޔަ އޮގަސްޓް 24 ގަ އެވެ.
އެނގިފައިވާ ގޮތުގައި މަގާމަށް އައްޔަންކުރެއްވިތާ ހަތަރު މަސް ފުރެން ހަފުތާއަކަށް ވެފައި ވަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ސައީދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ، އިސްތިއުފާގެ ސަބަބު ސާފެއް ނުވި އެވެ.
އެކަމަކު ސައީދުގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި ސައީދު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބަކާ ހެދި އެވެ.
ސައީދު ކުއްލި ގޮތަކަށް މަގާމު ދޫކޮށްލެވި އިރު ޕީއެސްއެމްގެ ދެ މައްސަލައެއް މި ފަހުން ބޮޑުވި އެވެ.
އެއް މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް ލައިވްކޮށް ދެއްކި އިރު ގުރުއާނުގެ އާޔަތަކުން ތަންކޮޅެއް އުނިވާ ގޮތަށް ދެއްކުމެވ. އަދި މިދިޔަ އަންގާރަ ދުވަހުގެ ރޭ ގެނެސްދިން އިނގިރޭސި ހަބަރުގައި މީހެއްގެ ބަރަހަނާ މަންޒަރެއް ދެއްކުނު މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
މި ދެ މައްސަލަ އަކީ ވެސް ކަމާބެހޭ މުވައްޒަފުންގެ ތެރެއިން ބައެއްގެ އިހުމާލުން ހިނގާފައިވާ ކަންތައް ކަމަށް ބުނެ ބައެއް މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އާ ސަރުކާރާއެކު ޕީއެސްއެމްގެ އެމްޑީއަކަށް އެންމެ ފުރަތަމަ ހަމަޖެއްސެވީ ބްރޯޑްކޮމްގެ ކުރީގެ މެމްބަރު ޒީނާ ޒާހިރެވެ. ސައީދު ހަމަޖެއްސެވީ ޒީނާ އިސްތިފާ ދެއްވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.