މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު ހެދުމަށްޓަކައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓު ކަނޑައެޅަން ވަނީ ހިމަނައިފަ އެވެ.
އަންނަ އަހަރު މީޑިއާތަކަށް ދިނުމަށް ބަޖެޓުގައި ކަނޑައެޅީ 27.9 މިލިއަން ރުފިޔާ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި މީޑިއާތަކަށް ބަޖެޓުން ފައިސާ ދިނުމުގެ އުސޫލު އެކުލަވައިލުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ވަނީ ފަށައިފަ އެވެ.
އެ އުސޫލާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީޑިއާތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ދައުލަތުގެ ބަޖެޓުން ވަކި އަދަދެއް ކަނޑައެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.