ވޭތުވެދިޔަ ދެ ދުވަސް ތެރޭގައި މާލޭގައި ގިނަ މާރާމާރީތަކެއް ހިންގި މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ބުރާސްފަތި ދުވަހާއި އިއްޔެ މާލޭގެ އެކި ތަންތަނުގައި މާރާމާރީ ހިންގި މައްސަލަތަކެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މައްސަލަތައް
• ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ދި ރިޕަބްލިކް ކެފޭއަށް ރޭ ވަދެ، މާރާމާރީ ހިންގި މައްސަލަ.
• ކިންޒާ ކެފޭ ކުރިމަތީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަ މީހަކު ރޭ މާރާމާރީ ހިންގި މައްސަލަ.
• ނޫރު މިސްކިތް ކައިރީގައި ރޭ ބަޔަކު މާރާމާރީ ހިންގި މައްސަލަ.
• މިދިޔަ ބުރާސްފަތި ދުވަހު ލެޓްސް ގޯ ކެފޭއަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަ.
"މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
"ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން އިތުރު ތަފުސީލް ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަން."
މާރާމާރީ ހިންގި ކެފޭތަކަކީ މާލޭގައި އާންމުކޮށް ޝީޝާގެ ވިޔަފާރިކުރާ ތަންތަނެވެ.
"ލެޓްސް ގޯ ކެފޭ"އަށް ބަޔަކު ވަދެ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުން ދިނީ، ކްރިސްމަސް އަށް އެތަން ޑެކަރޭޓްކޮށްފައި ހުރި ކަމަށް ބުނެ އެވެ. އެ މީހުން ކެފޭއަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެލުވާފައި ހުރި ތަކެތި ނައްޓައި، އުކަމުން އެ މީހުން ގޮވީ "މިއީ ދިވެހިރާއްޖެ ކަމަށާއި މިތަނުގައި އެކަން ނުކުރެވޭނެ" ކަމަށެވެ.
އެ ވަގުތު ކެފޭގައި ތިބި ބިދޭސީ މުވައްޒަފުން އެ މަންޒަރު ވީޑިއޯކުރުމުން ވީޑިއޯ ޑިލީޓްކުރަން ވެސް އިންޒާރު ދިނެވެ.
އެ މައްސަލާގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެފައި ވަނީ ކެފޭއަށް ވަދެ ގެއްލުންދިން މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އަޅަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.