ތިން މިނިސްޓްރީއެއް ހިންގާ މ. ގްރީން ބިލްޑިންގުގައި އިއްޔެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ސަލާމަތްކުރެވުނީ ވަރަށް މަދު ލިޔުންތަކެއް ކަމަށާއި ސާވާގެ ޑިސްކު ނަގައިގެން މައުލޫމާތުތައް ހޯދޭތޯ ބަލަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓަލް މިނިސްޓްރީ ހިންގާ އޮފީސް އިމާރާތުގައި އިއްޔެ ހެނދުނު ރޯވެ، ގްރީން ބިލްޑިންގް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައި ހުލިވެފަ އެވެ.
އެހެންވެ، އެ ތިން މިނިސްޓްރީ ވަގުތީ ގޮތުން ބަދަލުކުރާ ދަރުބާރުގޭގައި ހުންނަވައި މިނިސްޓަރު ހައިދަރު "މިހާރު" އަށް ވިދާޅުވީ އަންދާޒާ ކުރެވޭ ވަރަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ގިނަ ބައެއްގެ އެހީތެރިކަމާ އެކު، ކަންކަން ހަމަޔަކަށް އަޅުވައި، އަންނަ އާދިއްތަ ދުވަހު ދަރުބާރުގޭގައި ހިދުމަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަލިފާން ރޯވުމުގެ ސަބަބުން ސަލާމަތް ކުރެވުނީ ވަރަށް މަދު ލިޔުންތަކެއް ކަމަށެވެ. ޑިޖިޓަލް ގިނަ މައުލޫމާތު ހުންނާނީ ސާވާގައި ރައްކާ ކޮށްފައި ކަމަށާއި ޑިސްކު ނަގައިގެން ވެސް ރިކަވާ ކުރެވޭތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާ ބޮޑު އުއްމީދެއް ނެތަސް އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް ކިރިޔާ ވެސް އެ މައުލޫމާތުތައް ހޯދޭ ކަމަށް ވަންޏާ އަޅުގަނޑުމެން ބަލާނަން އެ މައުލޫމާތުތައް ހޯދޭތޭ،" ހައިދަރު ވިދާޅުވި އެވެ.
"ޑިސްކު އެނަލައިޒްކޮށްގެން އެ އެއް އެނގޭނީ. އެނަލައިޒް ކުރަން ފަހަރެއްގައި ބޭރަށް ވެސް ފޮނުވަން ޖެހިދާނެ."
މަދު ލިޔުންތަކެއް ސަލާމަތްކުރެވުނަސް ސީދާ ކޮން ލިޔުންތަކެއް ކަމެއް އަދި އެއްކޮށް ސާފުނުވާ ކަމަށް ހައިދަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީގައި ގޭގެ ރަޖިސްޓްރީތަކާއި ކުރެހުންތައް ހިމެނޭ ގޮތަށް މުހިއްމު ލިޔުންތައް އެބަހުއްޓެވެ. ސާވާގެ ޑިސްކުން ވެސް އެ ތަކެތި ނުލިބިއްޖެ ނަމަ އަލުން ޖެހޭނީ އެ މައުލޫމާތުތައް ހޯދަން ކަމަށް ހައިދަރު ވިދާޅުވި އެވެ.
"އެއީ ވަރަށް ބޮޑު މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، އެހެނިހެން ލިޔުންތަކަށް ގެއްލުން ލިބުނަސް، ފްލެޓު ލިސްޓާއި ގެދޮރުވެރިޔާ ސްކީމުން ފުރުސަތު ލިބުނު މީހުންގެ މައުލޫމާތަށް އަސަރެއް ނުކުރާނެ އެވެ. އެ ތަކެތި ރައްކާކޮށްފައި ވަނީ ކްލައުޑުގަ އެވެ.
ހައިދަރު ވިދާޅުވީ ފްލެޓު ލިސްޓުގެ ރީ-އިވެލުއޭޝަންގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ. އިމާރާތުގައި ރޯވުމުން އެކަމަށް މާ ބޮޑު ބަދަލުތަކެއް ނަޔަސް ކުޑަ މަޑުޖެހުމެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އެބަހުރި ނުނިމި ހުރި ބައިތަކެއް. އެބައި ނިމުނީމާ އިރާދަކުރެއްވިއްޔާ ބަލާނަން ވީހާ ވެސް އަވަހަކަށް [ފްލެޓު ލިސްޓު] އާއްމުކުރަން،" ހައިދަރު ވިދާޅުވި އެވެ.
އެޗްޑީސީ އަދި ސަރުކާރުގެ އެހެން ކުންފުނިތަކާ ގުޅިގެން ދަރުބާރުގޭގައި ތިން މިނިސްޓްރީއަށް ހާއްސަ އޮފީސް ސެޓަޕް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ދާއިމީ ހައްލުތަކެއް ހޯދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގްރީން ބިލްޑިންގްގައި އަލިފާނުގެ ހާދިސާ ހިނގިއިރު މިނިސްޓަރު ހައިދަރު ހައިދަރު ހުންނެވީ ތައިލެންޑުގަ އެވެ. އދ. އިން ބާއްވާ ސެޝަން އޮފް ދަ ކޮމިޓީ އޮން ސްޓެޓިސްޓިކްސްގެ ނުވަ ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެން ހުންނެވި ނަމަވެސް އަލިފާނުގެ ހާދިސާގެ ޚަބަރު ލިބިވަޑައިގަތުމާ އެކު، އެ ދަތުރު ކުރުކޮށްލައްވައި އޭނާ ވަނީ ރޭ ރާއްޖެ ވަޑައިގެންފަ އެވެ. އަދި ކަންކަން އާންމު ހާލަތަކަށް ގެނައުމަށްޓަކައި އިސްވެ މިހާރު ގެންދަވަނީ މަސައްކަތްތައް ކުރައްވަމުންނެވެ.