ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ރޭ ފަށައިފި އެވެ.
އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ އުނގޫފާރު ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ބަދަލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ އެ ތަނުގައި އެމްއާރުއައިގެ ހިދުމަތްދޭން ފެށުމަކީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށެވެ.
އެމްއާރުއައިގެ އިތުރުން ހުޅުތަކުގައި ރިއްސާ މީހުންނަށް ހާއްސަކޮށްގެން ޕްލެޓްލެޓް ޕްލާސްމާ ޓްރީޓްމަންޓް (ޕީއާރުޕީ) ގެ ހިދުމަތް ވެސް ރޭ ވަނީ ފަށައިފަ އެވެ.
އަހަރެއްގެ މައްޗަށް 70،000 އަށް ވުރެ ގިނަ މީހުން ހިދުމަތް ހޯދާ އުނގޫފާރު ހޮސްޕިޓަލުގައި މިހާރު ވެސް ސީޓީ ސްކޭން ހެދެ އެވެ. އެމްއާރުއައި މެޝިނާއެކު، ސްކޭންގެ ގިނަ ހިދުމަތްތަކެއް ލިބޭނެ އެވެ.
އެ ހޮސްޕިޓަލުގައި މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ރިޕްރޮޑަކްޓިވް ހެލްތު ސެންޓަރާއެކު "ވެލްވުމަން" ކްލިނިކެއް ވެސް ހުޅުވައިފަ އެވެ. އޭގެ އިތުރުން ލެޕަރޮސްކޮޕިކް ސާޖަރީއާ އިތުރު ސްޕެޝަލިޓީގެ ހިދުމަތް ވެސް މިދިޔަ އަހަރު ފެށި އެވެ.