ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ވަސީލަތެއް ކަމަށްވާ ޑީޕް ޓްރެކާއަކާއި، އުސްއިމާރާތްތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދިނުމަށް، ފެންޖެހުމަށް ބޭނުންކުރާ ޑްރޯނެއް ސްޓެލްކޯއިން އެމްއެންޑީއެފަށް ހަދިޔާކޮށްފި އެވެ.
މި ޑީޕް ޓްރެކާ އާއި ޑްރޯން ސްޓެލްކޯއިން އެމްއެންޑީއެފަށް ހަދިޔާކޮށްފައިވަނީ މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ވަސީލަތްތައް ސްޓެލްކޯގެ ފަރާތުން އެމްއެންޑީއެފަށް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު، ހުސައިން ފަހުމީ އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ ވަސީލަތްތަކާ ހަވާލުވެ ވަޑައިގެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި އެމްއެންޑީއެފަށް ހަދިޔާކުރި އަލިފާން ނިއްވުމަށް ބޭނުން ކުރެވޭ ޑްރޯން އަކީ ފެން ހޮޅިއާ އެކު 200 މީޓަރު އުހަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯން އެއް ކަމަށެވެ. އަދި ޑީޕް ޓެރެކާ އަކީ 200 މީޓަރު އަޑިއަށް ދަތުރުކޮށް ރޮބްޓިކް އާމްއެއްގެ އެހީއާއެކު ކަނޑު އަޑިން ތަކެތި ނެގުމުގެ ގާބިލްކަން ލިބިފައިވާ ވަސީލަތެއް ކަމަށް ވެސް ބުންޏެވެ.