މީހަކަށް ބިރު ދައްކާ ކަމަށް ދޭހަވާ ގޮތަކަށް "އެކްސް"ގައި ކުރި ޕޯސްޓަކާ ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސައިން ޝާފިއު (ތުއްތު) ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ގާތްގަނޑަކަށް ގަޑިއެއްހާއިރު ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ފުލުހުންގެ ސުވާލުތަކަށް ޖަވާބުދާރީވުމަށް މަޑުކުރުމަށް ފަހު ޝާފިއު ނުކުތުމުން އޭނާގެ ވަކީލުން މީޑިއާއަށް ބުނީ ފުލުހުން އޭނާގެ މައްޗަށް، ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ތަފާތު ތިން ތުހުމަތެއް ކުރާ ކަމަށެވެ.
އެއީ، އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ކުށާއި މީހަކު މަރުވެދާނެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމެއްގެ ބިރެއް ކުރިމަތި ކުރުވުމުގެ ކުށް އަދި ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއު ކުރުމާއި އާންމުކޮށް ހުޅުވާލައިގެން ދެއްކުމާއި އެފަދަ އެއްޗެއް ފޯރުކޮށްދިނުމުގެ ކުށުގެ ތުހުމަތެވެ.
ޝާފިއު ވަނީ އޭނާ ފުލުހުންނަށް ދިން ބަޔާން ދެންމެ އެކްސްގައި ޕޯސްޓުކޮށްފަ އެވެ.
އެ ބަޔާނުގައިވާ ގޮތުގައި، ޝާފިއު ވަނީ އޭނާ ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަދި އޭނާ ކުރި ޕޯސްޓަކީ ވަކި މީހަކަށް ނިސްބަތްކޮށް ކުރި ޕޯސްޓެއް ނޫން ކަމަށާއި އެއީ މީހެއްގެ ހިތުގައި ބިރުވެރިކަން އުފެދޭނެ ވަރުގެ ޕޯސްޓެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
"ޗާލީތުއްތު އަކީ އެކްސްގައި އަޅުގަނޑު ބޭނުންކުރަމުން ގެންދާ ހޭންޑްލް އެވެ. މީގެ އިތުރުން އަޅުގަނޑު ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. މި ހިސާބުން ހަނު ހުންނަމެވެ،" އޭނާ ފުލުހުންނަށް ދިން ބަޔާނުގައިވެ އެވެ.
އޭނާ ފުލުހަށް ހާޒިރުކުރާތީ އެމްޑީޕީގެ ބައެއް އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް މިއަދު ވަނީ ފުލުހުންގެ އިދާރާ ކައިިރިއަށް އެއްވެ، ނުރުހުން ފާޅުކޮށްފަ އެވެ.
ޝާފިއު ފުލުހަށް ހާޒިރުކުރީ މި މަހުގެ އަށް ވަނަ ދުވަހު އޭނާ އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެއީ ސިނގިރޭޓު އަގުބޮޑުވުމާ ގުޅިގެން ނުރުހުން ފާޅުކޮށް އޭނާ ކޮށްފައިވާ ޕޯސްޓެކެވެ. އެ ޕޯސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ހަޑިހުތުރު ބަހެއް ބޭނުންކޮށް، ސިނގިރޭޓު ފޮއްޓެއް ގަތީ 270ރ. އަށް ކަމަށް ބުނެފައިވެ އެވެ. އެ ޕޯސްޓު ނިންމާލަމުން "މަށަށް ކަލޭ މަގެއް މަތިން ނުފެއްނާތި" ކަމަށް ބުނެ އިންޒާރު ދެ އެވެ.
ޝާފިއުއަށް ފުލުހުން ފޮނުވި ޗިޓާ އެކު، އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި އިއްޔެ ވިދާޅުވީ ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިހާރު ވެފައިވާ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުރަސް އެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.