ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހާ ގުޅިގެން، ސަރުކާރަށް ސަޕޯޓްކުރާ ޕީއެންސީގެ އެކްޓިވިސްޓުންނާއި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުން މަޖިލިސް ދޮށަށް އެއްވެ އަޑު އުފުލަން ފަށައިފި އެވެ.

ޕީއެންސީގެ އެކްޓިވިސްޓުން މަޖިލިސް ދޮށަށް އެއްވެ އަޑު އުފުލަމުން ދަނީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހަށް ތާއިދުކޮށް، އިދިކޮޅު އެމްޑީޕީއަށް ފާޑުކިޔުމަށެވެ. އެމްޑީޕީން މަޖިލިސް ދޮށުގައި އަޑު އުފުލަމުން ދަނީ "ގާނޫނުއަސާސީގެ ދިފާއުގައި" ކަމަށް ބުނެ އެވެ.

އެއް ވަގުތެއްގައި މައި ދެ ޕާޓީގެ ސަޕޯޓަރުންގެ އެއްވުން ކުރިއަށް ދިޔައިރު، ބަހުގެ ހަމަލާތައް ހޫނުވެ ހަމަނުޖެހުން ވެސް ހިނގާފައިވެ އެވެ. އެއްވުން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ފުލުހަކު ބިންމައްޗަށް ވެއްޓި އަނިޔާ ވެސް ވެފައިވެ އެވެ.

ޕީއެންސީ އާއި އެމްޑީޕީއިން މަޖިލިސް ދޮށުގައި ބޭއްވި އެއްވުމުގެ ތެރެއިން: ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވެ ހަމަނުޖެހުން ހިނގާފައިވޭ - ފޮޓޯ: ނިޝާން އަލީ / މިހާރު
ޕީއެންސީ އާއި އެމްޑީޕީއިން މަޖިލިސް ދޮށުގައި ބޭއްވި އެއްވުމުގެ ތެރެއިން: ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވެ ހަމަނުޖެހުން ހިނގާފައިވޭ - ފޮޓޯ: ނިޝާން އަލީ / މިހާރު

ގާނޫނުއަސާސީގައި އެންޓި ޑިފެކްޝަންގެ މާއްދާތައް ހިމަނަން ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހު މެންބަރުންނަށް ފޮނުވައި މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރީ ރޭގެ ވަގުތެއްގަ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ. އަދި ޖަލްސާގެ މެދު ތެރެއިން އެ ބިލަށް ބަހުސް މަރުހަލާ ވެސް ފެއްޓެވި އެވެ. އަދި އެ ބިލަށް ބަހުސްކޮށް ނިންމުމަށް ފަހު މިއަދު ވޯޓަށް އަހައި ކޮމިޓީ އަށް ފޮނުވައި، ކޮމިޓީގެ ބަހުސް ވެސް ވަނީ ނިންމާލައިފަ އެވެ.

ޕީއެންސީ އާއި އެމްޑީޕީއިން މަޖިލިސް ދޮށުގައި ބޭއްވި އެއްވުމުގެ ތެރެއިން: ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވެ ހަމަނުޖެހުން ހިނގާފައިވޭ - ފޮޓޯ: ނިޝާން އަލީ / މިހާރު
ޕީއެންސީ އާއި އެމްޑީޕީއިން މަޖިލިސް ދޮށުގައި ބޭއްވި އެއްވުމުގެ ތެރެއިން: ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވެ ހަމަނުޖެހުން ހިނގާފައިވޭ - ފޮޓޯ: ނިޝާން އަލީ / މިހާރު

ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހުގައި ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ.

އޭގެ އިތުރުން މަޖިލިހުގެ މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ވެސް ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ. އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.

ޕީއެންސީ އާއި އެމްޑީޕީއިން މަޖިލިސް ދޮށުގައި ބޭއްވި އެއްވުމުގެ ތެރެއިން: ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވެ ހަމަނުޖެހުން ހިނގާފައިވޭ - ފޮޓޯ: ނިޝާން އަލީ / މިހާރު
ޕީއެންސީ އާއި އެމްޑީޕީއިން މަޖިލިސް ދޮށުގައި ބޭއްވި އެއްވުމުގެ ތެރެއިން: ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތައް ހޫނުވެ ހަމަނުޖެހުން ހިނގާފައިވޭ - ފޮޓޯ: ނިޝާން އަލީ / މިހާރު

މަޖިލީހުގައި މި އިސްލާހާ ގުޅިގެން އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރަމުން ދަނީ ޕާޓީއިން މެންބަރުން ވަކިކުރާ ހާލަތުގައި ވެސް ގޮނޑި ގެއްލޭ ގޮތަށް އޮތުމުންނެވެ. މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އެގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފި ނަމަ، ރައްޔިތުންގެ މެންބަރުން ސިޔާސީ ޕާޓީއެއްގެ އަޅުވެތިވެ، ތަޅުލެވޭނެ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ އިސްލާހުގެ އެ މާއްދާ ބަދަލު ކުރަން އިސްލާހެއް ހުށަހަޅުއްވައިފަ އެވެ. އޭނާ ހުށަހެޅުއްވީ ޕާޓީއަކުން މެންބަރަކު ވަކިކުރާ ހާލަތުގައި އޭނާ މަގާމުގައި ދެމިހުރުމާ މެދު ދާއިރާގެ ރައްޔިތުންގެ ވޯޓެއް ނެގުމަށެވެ.