ސިޔާސީ ބޭފުޅުން މެދުވެރިކޮށް ނުފޫޒު ފޯރުވައިގެން އާސަންދަ އާއި އެންސްޕާގެ އެހީ އުސޫލުން ބޭރުން ނުހޯދޭނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި، މަޖިލިސް މެންބަރު ނުވަތަ ސަރުކާރުގެ އިސް ބޭފުޅަކު ގުޅުމުން އާސަންދަ އާއި އެންސްޕާ އެހީ ހޯދަން ފަސޭހަތަކެއް ލިބޭތޯ މެމްބަރަކު ސުވާލު ކުރެއްވުމުން ރައްޔިތުންނަށް ދިމާވާ އެކި ކަންކަމުގައި އާންމުންނާއި މަޖިލިސް މެންބަރުން ވެސް އެހީތެރިކަމަށް އެދި ގުޅާ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް ގުޅުމުން ގުޅުމުން އެކަން އޮންނަ ގޮތް ކިޔައިދީ، އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ގެންދަން އިރުޝާދު ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތަކު ގުޅިޔަސް، އެމްޕީއަކު ގުޅިޔަސް، ވަޒީރަކު ގުޅިޔަސް އެ އޮންނަ އުސޫލުގެ ތެރެއިން އަޅުގަނޑުމެން ކަންކަން ކުރާނީ. އެއީ ނާޖާއިޒް ގޮތުގައި އެ ސްކީމް ބޭނުން ކުރުމެއް ނޫން،" ހީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ އެކަން ކުރަން ޖެހޭ ގޮތް ކަމަށާއި އެއީ އުސޫލާ ހިލާފަށް ކަންކަން ކުރުން ނޫން ކަމަށެވެ.
އެއާ ހިލާފަށް ވޭތުވެދިޔަ ތަނުގައި ސިޔާސީ ގޮތުން އާސަންދަ އާއި އެންސްޕާގެ ބޭނުން ހިފާފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ. އެގޮތުން، އިންތިހާބުތަކާ ދިމާކޮށް ބައެއް ރަށްރަށުގައި ޑެސްކު ބަހައްޓައިގެން އެކަން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުތަކާ ދިމާކޮށް، ދަރިފުޅު އައިސީޔޫގައި އޮއްވާ އެކަނި ބާއްވާފައި އާސަންދަ ހަމަޖައްސައި ދެވޭނީ ވޯޓު ލީމައޭ ބުނީމާ އައިސް އެކަމަށްޓަކައި ވޯޓުލީ ވާހަކަ. މިކަހަލަ ގޮތަށް ސިޔާސީ ގޮތުން އިޖުތިމާއީ އަދާލަތުގެ ނިޒާމު އޮތީ ބޭނުން ކުރެވިފަ ވަރަށް ބޮޑަށް،" ހީނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އާސަންދައިން ކަވަރު ނުކުރާ ކޮސްމެޓިކް ސާޖަރީއާއި ހަށިގަނޑު ރީތި ކުރުމަށް ބޭނުންވާ ބައެއް ޕްރޮސީޖާތައް ކުރުމަށް ވެސް ދުބާއީ ފަދަ ތަންތަނަށް ދިއުމަށް ކުރިން އެހީތައް ދީފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.