މިދިޔަ ފަސް އަހަރު އާސަންދައިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުމާ ގުޅޭ ބަލިތަކަށް ކަން ތަފާސްހިސާބުން ދައްކައިފި އެވެ.

އާސަންދަ ކުންފުނިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ފަސް އަހަރު އެ ކުންފުނިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ލޭ މައްޗަށް ދިއުމާއި ޓައިޕް 2 ހަކުރު ބައްޔަށް ފަރުވާ ކުރާށެވެ.

ލޭ މައްޗަށް ދިއުމުގެ މައްސަލަތަކަށް 2019 ވަނަ އަހަރު 39.8 މިލިއަން ރުފިޔާ އާސަންދައިން ހޭދަކުރި އެވެ. އަދި 2020 ވަނަ އަހަރު ހަމަ އެ ބައްޔަށް ކުރި ހޭދަ 78.7 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.

ހަކުރު ބައްޔަށް 2021 ވަނަ އަހަރު 101 މިލިއަން ރުފިޔާ، ޖެހިގެން އައި 2022 ވަނަ އަހަރު 152.9 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 164.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

އޭގެ އިތުރުން ކޮލެސްޓްރޯލް މަތިވުމާއި ކިޑްނީ ބަލި އަދި އާއްމު ރޯގާއަކީ އާސަންދައިން 2019-2023 އަށް އެންމެ ގިނައިން ހޭދަކުރި ކަންކަމެވެ.

ފަސް އަހަރުގެ ތެރޭގައި؛

- ހަކުރު ބައްޔަށް 517 މިލިއަން ރުފިޔާ

- ލޭ މައްޗަށް ދިއުމުގެ މައްސަލަތަކަށް 449 މިލިއަން ރުފިޔާ

- ކޮލެސްޓްރޯލް މައްޗަށް ދިއުމުގެ މައްސަލަތަކަށް 177 މިލިއަން ރުފިޔާ

- ކިޑްނީ ބައްޔަށް 116 މިލިއަން ރުފިޔާ

- އާއްމު ރޯގާއަށް 113 މިލިއަން ރުފިޔާ

އާސަންދައިން ބުނީ ބަލިތަކަށް ފަރުވާ ކުރަން ފަސް އަހަރުގެ ތެރޭގައި 7.8 ބިލިއަން ރުފިޔާ އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ފާމަސީތަކަށް 4.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.