ރާއްޖޭގެ 36 ވަނަ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އާއި އެ ދުވަސް ފާހަގަކުރުން އެ ނިންމައިލީ ވަރަށް ތާރީހީ ހަނދާންތަކެއް ދޫކޮށްލައިފަ އެވެ. ނަސްރުގެ ދުވަހާ ހުޅުވައިގެން ދިވެހި ތާރީހުގައި ލިޔާނެ ވަރަށް ގިނަ ކަންތައްތަކެއް ރޭގެ ޖަލްސާ އާއި އިއްޔެ ފެނިއްޖެ އެވެ. އެއީ މީގެ ކުރިން ފެނިފައިވާ ނުވާ މުޅިން އާ ކަންތައްތަކެއް ކަަމަށް ވާތީ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާ އިން ފަށަމާ ހިނގާށެވެ.

ނޮވެމްބަރު 3، 1988 ގައި އަބްދުﷲ ލުތުފީ އާއި އަހުމަދު ނާސިރު ސްރީ ލަންކާގެ 80 ވަރަކަށް ތަމަޅައިން ގޮވައިގެން ހަތިޔާރާ އެކު މާލެ އަރައި ދިން ހަމަލާގެ އަމާޒަކީ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެ މަނިކުފާނުގެ ވެރިކަން ބަދަލުކޮށް، ގައުމު ފޭރިގަތުމަކީ ލުތުފީ އާއި ނާސިރުގެ މައިގަނޑު އަމާޒެވެ. އެހެންވެ މައުމޫނަށް އެ ދުވަހާއި އެ ދުވަސްވަރުގެ ތަޖުރިބާ ވަރަށް ތަފާތުވާނެ އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ސަބަބަކީ އެ ޖަލްސާ އަށް މައުމޫން ވަޑައިގެން ޕޯޑިއަމްގައި ވާހަކަފުޅު ދެއްކެވުމުންނެވެ. ނަސްރުގެ ދުވަހަކީ އެ މައުމޫން ފާހަގަކުރައްވަން ފެއްޓެވި އަދި އެ މަނިކުފާނުގެ ލެއާ ވަރަށް ބޮޑަށް ކުޅެލާ ދުވަހެއް ކަމަށް ވާއިރު، މިއީ އެ ދުވަހުގެ ހަރަކާތަކުން މައުމޫން މި ފަހުން ފެނުނު ފުރަތަމަ ފަހަރެވެ. އުމުރުފުޅަށް އަންނަ ބަދަލުގެ އަސަރު ފެނުނަސް މައުމޫން ދޫކޮށްލެއްވީ ނަސޭހަތުގެ މެސެޖުތަކެކެވެ.

މައުމޫނާ އެކު، އަދި ލިޔަންޖެހޭ އެހެން ވާހަކަތަކެއް ވެސް އެބަހުއްޓެވެ. ރާއްޖެ އަށް ޑިމޮކްރެޓިކް ވެރިކަންތައް އައި ފަހުން، ވެރިކަން ކުރައްވާ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގެ ޕޯޑިއަމްތަކުން ކުރީގެ ރައީސުންނަށް ޖާގައެއް ނުދެ އެވެ. ނުވަތަ އެ ޖަލްސާއެއްގެ ބައިވެރިންނާ ކުރީގެ ރައީސުން މުހާތަބު ކުރައްވަން ފުރުސަތެއް ނޯވެ އެވެ. އެކަމަކު، ނަސްރުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވައި އެ ފުރުސަތު މައުމޫނަށް ދެއްވި އެވެ.

ނަސްރުގެ ދުވަހުގެ ޖަލްސާގައި މައުމޫން ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ނަސްރުގެ ދުވަހުގެ ޖަލްސާގައި މައުމޫން ރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

އެކަމާ ގުޅިގެން ބައެއް މީހުންގެ ކޮމެންޓްތަކުން ފެނުނީ އެކަމަށް ތަރުހީބު ދިން ތަނެވެ. ރާއްޖެ އިން ފެންނަން ބޭނުންވަނީ ކުރީގެ ރައީސުންނަށް އެފަދަ ފުރުސަތުތައް ދީ، އެ ބޭފުޅުންގެ ބޭނުން ހިފާ ތަނެވެ. ވެރިކަންކުރާ ރައީސާއި ކުރީގެ ރައީސުން އެއްތަނަކުން ފެނުމަކީ ރާއްޖޭގައި ބާއްވާ ހަފުލާތަކުގައި އަދިވެސް ވަރަށް އާ ކަމެކެވެ. އެހެންވެ، އެ މަންޒަރު ފެންނަ ކޮންމެ ފަހަރަކު ވެސް ދިވެހިނަށް އެކަން ވަރަށް ހިތްގައިމެވެ.

ނޮވެމްބަރު 3، 1988 ގައި އެ ދުވަހުގެ ފަތިހު ޓެރަރިސްޓުން މާލެ އަރައި ހަމަލަދޭން ފެށިއިރު، މައުމޫނާއި އާއިލާ ތިއްބެވީ ރިޔާސީ ގަނޑުވަރު ތީމުގޭގަ އެވެ. ބަޑީގެ އަޑުތަކާ އެކު، މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ގިނިކަންޏާ ކަހަލަ ގޮތަކަށް ހިންގަވާފައި ތީމުގޭގެ ވަލުދޮރާށިން ނުކުމެވަޑައިގެންނެވިއިރު އަރިހުގައި ހުންނެވި ހަމައެކަނި ބޭފުޅަކީ އޭރު އުމުރުން އެންމެ 8 އަހަރުގެ މުހައްމަދު ޣައްސާން މައުމޫނެވެ.

އެންމެ ބޮޑީގާޑަކާ އެކު، ތީމުގެއިން މައުމޫނާއި ނަސްރީނާ ނުކުމެވަޑައިގެންނެވިއިރު، އެ ދެ ބޭފުޅުންގެ ވެސް ކުރީގައި ހުންނެވި ޣައްސާން ރޭގެ ޖަލްސާގައި ވެސް ދެއްކެވީ ބައްޕާފުޅަށް އޮތް ލޯތްބެވެ. މައުމޫންގެ އަތްޕުޅުގައި ހިއްޕަވައިގެން ޕޯޑިއަމާ ހަމައަށް ގެންދަވައި އަދި ވާހަކަފުޅު ދައްކަވައި ނިމުމުން ހަމަ އަތްޕުޅުގައި ހިއްޕަވައިގެން ވަޑައިގަތެވެ. މިިއީ ވެސް ތާރީހީ އަދި ގިނަ ބަޔަކަށް ތަފާތު މަންޒަރެކެވެ.

ނޮވެމްބަރު 3 ގެ ހަމަލާތައް ތަޖުރިބާ ކުރެއްވި ޣައްސާނަކީ މިއަދުގެ ޑިފެންސް މިނިސްޓަރެވެ. ރޭގެ ޖަލްސާގައި ބައްޕާފުޅު މައުމޫންގެ އިތުރުން ދަރިކަލުން ޣައްސާން ވެސް ވާހަކަ ދެެއްކެވި އެވެ.

ޣައްސާން ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަކުރުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް، އަނެއްކާވެސް އެ ދުވަސް ގައުމީ ފެންވަރެއްގައި ފައްޓަވައި ދެއްވީ ރައީސް މުއިއްޒު ކަމަށެވެ.

"މިރޭ އަޅުގަނޑު ދޭ ޔަގީންކަމަކީ ދިވެހި އަސްކަރިއްޔާ ދެމިއޮތް ހިނދަކު މި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ސިފައިންގެ ހުވާގައިވާ ގޮތުގެ މަތިން ލެ އާއި ފުރާނައިން ގުރުބާން ވެގެން ހިމާޔަތްކުރާނެ ކަން،" ޣައްސާން ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް
ނަސްރުގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް

ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހި އަސްކަރީ މައި މަރުކަޒުގެ ތެރޭގެ ތަރިއަކަށްވީ، އޭރުގެ ލެފްޓިނަންޓް އަދި ފަހުން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލެވެ.

ނޮވެމްބަރު 3 ގެ ހަމަލާއިން ދިވެހިންނަށް ނަސްރު ހޯދައި ދިނުމަށް އަމަލީ ގޮތުން އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވި މޫސާ ޖަލީލަށް، ރައީސް މުއިއްޒު ރޭ ރަސްމީ އިއްޒަތް އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
ނޮވެމްބަރު 3 ގެ ހަމަލާއިން ދިވެހިންނަށް ނަސްރު ހޯދައި ދިނުމަށް އަމަލީ ގޮތުން އެންމެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވި މޫސާ ޖަލީލަށް، ރައީސް މުއިއްޒު ރޭ ރަސްމީ އިއްޒަތް އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވަނީ 36 އަހަރު ފަހުން ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް އޭނާ އަށް އަރުވައިފަ އެވެ. އެ އިއްޒަތާ އެކު، މޫސާ އަލީ ޖަލީލްގެ ލޮލުން ފޭބި ކަރުނައިން ވެސް ހަނދާންކޮށްދިނީ ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެ ހިފުމަށް ޓެރަރިސްޓުން ދިން ހަމަލައިން ގައުމު ސަލާމަތް ކޮށްދިނުމަށް އޭނާ އާއި ދިވެހި ސިފައިން ކުރި ބުރަ މަސައްކަތެވެ.

މި އަހަރުގެ ނަސްރުގެ ދުވަހާ އެކު، ދެން ފާހަގަވީ ވެސް އާ ކަމެކެވެ. އެއީ ދުވަހާ ގުޅޭ ހުރިހާ ހަރަކާތެއްގައި ރައީސް ބައިވެރިވެވަޑައިގަތުމެވެ.

މި އަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށީ އިސްލާމީ މަރުކަޒުގައި ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ ކުރި ފަތިސް ނަމާދުންނެވެ. އެ ނަމާދުގައި ރައީސް މުއިއްޒު ޖަމާއަތުގައި ބައިވެރިވެވަޑައިގަތެވެ. އޭގެ ފަހުން ރައީސް ވަނީ ނޮވެންބަރުގެ 3 ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފަ އެވެ. އަދި ނޮވެމްބަރު 3 ގެ މައުރަޒު ހުޅުއްވައި ދެއްވައި އިއްޔެ ހަވީރު ބޭއްވި ދިވެހި ސިފައިންގެ އަސްކަރީ ހުނަރުތައް ދައްކާލުމުގެ ހަރަކާތް ވެސް ރައީސް މުއިއްޒު ޝަރަފުވެރި ކޮށްދެއްވި އެވެ. އެންމެ ފަހުން ރޭ ބޭއްވި ރަސްމީ ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ވެސް އެ މަނިކުފާނެވެ.

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުން ފެށުމަށް ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަތިސް ނަމާދުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުން ފެށުމަށް ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަތިސް ނަމާދުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ސިފައިންގޭގައި 35 އަހަރު ހިދުމަތް ކުރެއްވި އިބްރާހިމް އާޒިމް ވިދާޅުވީ، ނަސްރު ދުވަހުގެ ފަތިސް ނަމާދުގައި ސިފައިންގެ ކޮމާންޑާ އިން ޗީފަކު ޖަމާއަތުގައި ބައިވެރިވެވަޑައިގެންނެވި ތަނެއް ދުވަހަކު އޭނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަދި އަޅުގަނޑު ޝަރަފުވެރިކަމާ އެކު ސިފައިންގެ ވަޒީފާ އިން ރިޓަޔާ ވީ ފަހުން، މިވީ ދެ އަހަރުގައި ސިފައިންގެ ރަސްމިއްޔާތަކަށް ދައުވަތު ލިބުނީ ވެސް މި އަހަރު 2024 ގައި ކަން ވެސް ފާހަގަކޮށްލަމެވެ،" މިހާރު އެމްއެންޕީ އަދި އެންޓީވީގައި އިސްކޮށް މަސައްކަތް ކުރައްވާ އާޒިމް އެކްސްގައި ވިދާޅުވި އެވެ.

"ނަސްރުގެ ދުވަހުގެ ފަތިސްނަމާދުގެ ޖަމާއަތުގައި ރައީސްގެ ތިޔަ ބައިވެރިވެރިވެވަޑައިގެންނެވުން ސިފައިންގެ ތާރީހުގައި ރަން އަކުރުން ލިޔެލެވޭނެކަން ޔަަގީނެވެ. ޝުކުރިއްޔާ ކޮމާންޑަ އިން ޗީފް ދެއްކެވި މިސާލަށް ހައްގު ތައުރީފު ރައްދުކޮށް ޝުކުރު ދަންނަވަން."

ނޮވެމްބަރު 3 ގެ ހަމަލާއަކީ ވަރަށް ފަހުގެ ހަމަލާއަކަށް ވެފައި އަދިވެސް އެކަމުގެ ހަނދާންތައް އެތައް ބައެއްގެ ހުރުމުން އެކަމާ މެދު ތަފާތު ނަޒަރުން ވިސްނާ މީހުން ދިވެހިންގެ ތެރޭގައި އެބަތިއްބެވެ. އެހެންވެ، ނަސްރުގެ ދުވަސް މިއީ ރާއްޖެ އަށް ތައާރަފުވި ޑިމޮކްރެޓިކް ނިޒާމާ އެކު، އެއިރަކު ވެރިކަން ކުރައްވާ ބޭފުޅަކު ބޭނުންފުޅުވާ ގޮތަކަށް އެ ބޭނުންފުޅުވާ ފެންވަރެއްގައި ފާހަގަކުރާ ދުވަހަކަށް ވަނީ ވެފަ އެވެ.

ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަކީ ލާޒިމް ކަމެއް ކަމަށް ރައީސް މުއިއްޒު އެކި ޕޯޑިއަމްތަކުގައި ކުރިން ވިދާޅުވެ އެކަން އަމަލުން ވެސް ދައްކަވައިފި އެވެ. ފަނޑު ދުވަހެއްގެ ގޮތުގައި ނިމިގެންދާ ނަސްރުގެ ދުވަސް މިއަހަރު، ތަފާތެވެ. ގައުމަށްޓަކައި ޝަހީދުންގެ މަތިވެރި ގުރުބާނީގެ ހަނދާންތަކާއި އަގު ވަޒަންކުރުންތަކާ އެކު ތާރީހުން ޖާގަ ހޯދައިފި އެވެ.