ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗުގެ ދަރިވަރުން މިއަދު ދަސްވެނިވެއްޖެ އެވެ.
ދަރުބާރުގޭގައި ބޭއްވި އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، މެޑިސިންގެ ފުރަތަމަ ބެޗުގެ 22 ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ކޯހުން އެއް ވަނަ ހަތަރު ދަރިވަރަކު ހޯދާފައިވެ އެވެ. އެއީ؛
- އާމިނަތު ވާފިރާ
- އަސްރާ އިސްމާއިލް
- މައާނީ ފަތުހުﷲ އިސްމާއިލް
- ޔަސްރާ އިސްމާއިލް
މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން އެމްއެންޔޫގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެށީ ސެޕްޓެމްބަރު، 2018 ގަ އެވެ.
ފަސް އަހަރުގެ މި ކޯހުގެ އެންމެ ފަހު އިމްތިހާނު އޮތީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ޓެސްޓުގައި ބައިވެރިވި ހުރިހާ ދަރިވަރުން ވަނީ ފާސްވެފަ އެވެ.
އޭގެ ދެ ވަނަ ބެޗު ވެސް މިހާރު އަންނަނީ ފަހު އިމްތިހާނު ހަދަމުންނެވެ.
މެޑިސިން ސްކޫލުގެ ޑީން، ޑރ. ޝީޒާ އަލީ މިދިޔަ ޖުލައި މަހު "މިހާރު" އަށް ވިދާޅުވީ އަލަށް ފެށި ކަމަކަށް ވުމުން އެމްބީބީއެސް ކޯސް ގެންދަން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް، ހުރިހާ ދަރިވަރުން ވެސް ރަނގަޅު ނަތީޖާއަކާ އެކު ކިޔެވުން ފުރިހަމަކުރުމަކީ ވަރަށް ބޮޑު އުފަލަކާއި ފަހުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ތިއަރީ ބައިގައި ކިޔަވައިދިނީ ރާއްޖެ އާއި ބޭރުގެ ޑޮކްޓަރުންނެވެ. ކްލިނިކަލް ޕްރެކްޓިސްތައް ކުރިއަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗް އަދި އޭޑީކޭގަ އެވެ.