އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ގެޔަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް މިއަދު ދީފައިވާ ކަމަށް ބުނެފި އެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ ހިޒްބުﷲގެ ހަނގުރާމަވެރިން ލުބްނާން ތެރެއިން ފޮނުވާލި ކަމަށް ބެލެވޭ ޑްރޯނެއް ގަސީރާ ސަރަހައްދަށް އަމާޒުކުރި ކަމަށެވެ. އެއީ ނަތަންޔާހޫގެ އަމިއްލަ ގެ ހުންނަ ހިސާބެވެ.
ނަތާންޔާހޫ އާއި އޭނާގެ އަންހެނުން އެ ވަގުތު ގޭގައި ނޫޅޭ ކަމަށް އޭނާގެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ. އަދި މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެސް ނުވާ ކަމަށް ބުންޏެވެ.
މި ހަމަލާ އަމާޒުވީ ނަތަންޔާހޫގެ ގެޔާ ކައިރީގައި ހުރި އިމާރާތަކަށް ކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައި، ހަމަލާގައި ގެއްލުންވީ ކޮން ތަނަކަށް ކަމެއް ބުނެފައެއް ނުވެ އެވެ.
އިޒްރޭލުން މިއަދު ކުރިން ބުނެފައިވާ ގޮތުގައި ލުބްނާން ތެރެއިން ތިން ޑްރޯނެއް އިޒްރޭލުގެ މެދުތެރެއަށް އަމާޒުކޮށް ފޮނުވި އެވެ. އޭގެ ތެރެއިން ދެ ޑްރޯނެއް އިންޓަސެޕްޓްކޮށް ވައްޓާލެވުނަސް ނަތަންޔާހޫގެ ގެޔާ ދިމާލަށް ފޮނުވާލި ޑްރޯން ވައްޓާއެއް ނުލެވުނެވެ.
މި ހަމަލާ ދީފައި މި ވަނީ އިޒްރޭލުން ދިން ހަމަލާތަކެއްގައި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަވެފައި ވަނިކޮށެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކޔރާ ޖަމާއަތްތަކުން ބުނަމުން ދަނީ ސިންވާރު ނެތުމަކީ ފަލަސްތީނަށްޓަކައި ކުރާ ޖިހާދަށް މަޑުޖެހުން އަންނާނެ ކަމެއް ނޫން ކަމަށެވެ.