ދައުލަތުގެ ހަރަދު ކުޑަކުރުމަށް މިނިސްޓްރީތަކުން 200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމައިފި އެވެ.
އެ މަނިކުފާނު ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިގުތިސާދު ރިފޯމް އެޖެންޑާގެ ތެރެއިން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އެކި މިނިސްޓްރީތަކުން 228 މުވައްޒަފުން ވަކިކުރަން އަންގާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
އެ ނިންމެވުމާ އެކު، ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތްތައް މީގެ ހަތަރު މަސް ދުވަސް ކުރިން ފެށި އެވެ. އޭރު ލިބުނު މައުލޫމާތަށް ބަލާއިރު ބައެއް މީހުންގެ ޕާފޯމަންސަށް ބަލައި ވަޒީފާ އިން ވަކި ކުރާއިރު އަނެއްބައި މީހުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރާކަން ވެސް ވަނީ އެނގިފަ އެވެ.
ބައެއް މިނިސްޓްރީތަކަށް އައްޔަން ކޮށްފައިވާ ސިޔާސީ މީހުންގެ އަދަދު 25 އަށް މަދުކުރަން ވެސް ނިންމި ކަމަށް، "މިހާރު" އާ ކުރިން މައުލޫމާތު ހިއްސާކުރި ބޭފުޅަކު ވިދާޅުވި އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ރައީސްގެ އޭރުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ނުކުރާނެ ކަމަށެވެ.