ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާމްދަނީ ހޯދުމުގެ ފުރުސަތު ހޯދައި ދިނުމަށް "އެމްޕަވަމަންޓް ހަބް" ގެ ނަމުގައި ހާއްސަ މަރުކަޒެއް ގާއިމްކުރަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ނިންމައިފި އެވެ.
ފެމިލީ މިނިސްޓްރީން ބުނީ އެމްޕަވަމަންޓް ހަބަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުނަރު ދަސްކޮށްދީ، އެމީހުންގެ އުފެއްދުންތައް ވިއްކައި، ވަޒީފާ އަދާކުރެވޭނެ ފަދަ ހާއްސަ މަރުކަޒެއް ކަމަށެވެ. އަދި އެ މަރުކަޒުން އެ މީހުންނަށް ބޭނުންވާ ހުނަރުތައް ދަސްވެ، އަމިއްލަ މަސައްކަތްތައް ފަށައި އަދި އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި މިއީ އެފަދަ މީހުންގެ ހުނަރާއި ގާބިލުކަން ދައްކުވައިދޭން ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.
ފެމިލީ މިނިސްޓްރީން ބުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުން ކުރެވޭނެ ހާއްސަ އިމާރާތެއްގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި އެތަނަކީ އެ މީހުންނަށް ކޮންމެ ވަގުތަކު ވެސް ބޭނުން ކުރެވޭނެ މަރުކަޒަކަށް ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަރުކަޒުގައި ވިޔަފާރި ކުރުމުގެ ފުރުސަތާއި މަސައްކަތްތެރިން ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ކަމަށް މިިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި މިހާރު ކުރިއަށް ދަނީ އެ މަރުކަޒު ހިންގާނެ ގޮތުގެ މޮޑެލް ފައިނަލް ކުރުމާއި މަރުކަޒު ހިންގާނެ އިމާރާތެއް ހޯދުމުގެ މަސައްކަތެވެ.