ޑިޖިޓަލް އިގްތިސާދު ފުޅާކޮށް، 2030 ވަނަ އަހަރު އަންނަ އިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސެންޓު ހިއްސާކުރާ ދާއިރާއަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް ވިދާޅުވީ، އިންޑިއާ އަކީ އާ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ދާއިރާގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލު ކުރަމުން އަންނަ ގައުމެއް ކަމަށާއި އެއީ މި ސަރަހައްދުގައި ޓެކްނޮލޮޖީ ދާއިރާގެ ލީޑަރު ކަމަށެވެ. ރާއްޖެއަށް އެންމެ ޒަމާނީ ޓެކްނޮލޮޖީތައް ގެނެސް، ޑިޖިޓަލް ހިދުމަތްތައް ފުޅާ ކުރުމަށް އިންޑިއާގެ އިންވެސްޓަރުންނަށް ދައުލަތު ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގައި ހުރި ޑިޖިޓަލް ދާއިރާގެ ފުރުސަތުތަކާއި އާޓިފިޝަލް އިންޓެލިޖެންސް ދާއިރާ ފުޅާ ކުރުމަށް އިންޑިއާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވަން. ރާއްޖެއިން އިންވެސްޓަރުންނަށް ސްޓްރެޓެޖިކް ލޮކޭޝަންގެ ބޭނުންކޮށް ޒުވާން މަސައްކަތު އާބާދީގެ ބޭނުން ހިފޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އިންޑިއާއާ ޖެހިގެން ރާއްޖެ އޮތުމުން، އެއީ އެގައުމުގެ އިންވެސްޓަރުންނަށް ރާއްޖެއަށް އިންވެސްޓްމެންޓްތައް ގެންނަން އިތުރަށް ފަސޭހަވާނެ ކަމެއް ކަމަށެވެ. އަދި ދެގައުމުގެ ޒަމާންވީ ގުޅުމާއި އެއްގޮތް ސަގާފަތާއި އާދަކާދަތަކުގެ ސަބަބުން ވެސް އިންވެސްޓަރުންނަށް އައިސް ހިދުމަތްތައް ފުޅާކުރަން ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާގައި ހުރި ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުންކޮށްގެން ރާއްޖޭގެ ޑިޖިޓަލް ދާއިރާ ވަރަށް ބޮޑަށް ފުޅާ ކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި "ރޫޕޭ" ކާޑު ބޭނުން ކުރެވެން ފެށުމަކީ އެކަމުގެ ފެށުމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ތައުލީމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އަދި ސިއްހީ ދާއިރާގައި ގިނަ ފުރުސަތަކެއް ހޯދިދާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ސިއްހީ ދާއިރާގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފޯރުކޮށްދޭ ހިދުމަތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމަށް އިންވެސްޓަރުންނަށް އެމަނިކުފާނު ގޮވާއްލެއްވި އެވެ.