އުތުރު މެރިޓައިމް ސާވިސް (ޔޫއެމްސީ)ގެ ހިދުމަތް ހޯދުމަށް ރާއްޖެ އައި ޕެނަމާގެ ބޯޓު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފި އެވެ.
މިއީ މިދިޔަ މަހު 18 ގައި އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށި ފަހުން އައި ދެވަނަ ބޯޓެވެ. އަދި ޔޫއެމްސީގެ ހިދުމަތް ހޯދުމަށް އައި ފުރަތަމަ ބޯޓެވެ.
ޔޫއެމްސީގެ ހިދުމަތް ހޯދުމަށް އައީ ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ޖިއަން ޖިއޭ" ކިޔާ ތެޔޮ ޓޭންކަރެކެވެ. އެއީ ޔޫއޭއީގެ އަބޫ ދާބީން ޗައިނާއަށް ދަތުރު ކުރާ ބޯޓެކެވެ.
ޔޫއެމްސީގެ ހިދުމަތް ދޭ އެމްޕީއެލް އިން ބުނީ އެ ބޯޓުގައި ތިބި "ކްރޫ ޗޭންޖުވާ" ފަޅުވެރިން މިއަދު ހަވީރު ހއ. އުލިގަމަށް ފައިބާ، އެ ރަށުގައި ހަދާފައި ހުރި "ސީމަންސް ރެސްޓް އޭރިއާ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ކަމަށެވެ. އަދި އެ އުލިގަމުން އެ ފަޅުވެރިންނަށް ހޫނު މަރުހަބާއެއް ކީ ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މެރިޓައިމް ދާއިރާއިން ހިދުމަތް ދިނުމަށް އެމްޕީއެލުން ވަނީ އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ (އައިޕީއެސް) ގޭޓް ފެސިލިޓީއެއް ވެސް އުލިގަމުގައި ހަދައިފަ އެވެ.
އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީދު އިބްރާހިމާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަލީ މޫސާ އަދި އުލިގަމު ކައުންސިލްގެ ރައީސް އަހްމަދު މުއާޒް މުހައްމަދު ބައިވެރިވެވަޑައިގަތެވެ.
އުލިގަމުގައި ހެދި "ސީމަންސް ރެސްޓް އޭރިއާ" އަކީ އައިޕީއެސް ގޭޓުން ރާއްޖެ އެތެރެވާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭ ގޮތަށް ހެދި ތަނެއް ކަމަށް އެމްޕީއެލުން ބުންޏެވެ.
ޕެނަމާގެ އެ ބޯޓުން ވަނީ ފަޅުވެރިން ބަދަލުކުރުމުގެ ހިދުމަތާއި ސާފު ބޯފެން ފޯރުކޮށްދިނުމަށާއި ޕައިލެޓޭޖުގެ ހިދުމަތަށާއި ކާބޯތަކެތި ސަޕްލައިކޮށްދިނުމަށް އަދި ސްޕެއާ ޕާޓްސް ސަޕްލައިކޮށްދިނުމުގެ ހިދުމަތަށް ޔޫއެމްސީގައި އެދިފަ އެވެ. އަދި އެ ބޯޓުގެ މެއިންޓަނަންސްގެ ބައެއް މަސައްކަތްތައް ކުރަން ޖެހޭތީ ފަސް ދުވަހަށް އިހަވަންދިއްޕޮޅުގައި މަޑުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
އެމްޕީއެލުން ބުނި ގޮތުގައި، އެ ބޯޓުން ރާއްޖެ އައި ނުވަ ފަޅުވެރިއަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ފުރުވާލަން ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖެއަށް ވައިގެމަގުން އަންނަ ހަ ފަޅުވެރިއަކު ވެލާނާ އެއާޕޯޓުން ހއ. އަތޮޅަށް ގެންގޮސް އެ ބޯޓަށް އެރުވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އެ ބޯޓަށް ހިދުމަތް ދިނުމުގައި އެމްޕީއެލްގެ އިތުރުން، އަމިއްލަ ކުންފުނިތަކުން ވެސް ބައިވެރިވާނެ އެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ އޮއިލް ބަންކަރިންގެ ހިދުމަތް ވެސް ވަނީ ފަށައިފަ އެވެ. އެ ހިދުމަތް ދެނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ނެދަލޭންޑްސްގެ ވިޓޯލްއާ ގުޅިގެން އެސްޓީއޯއިންނެވެ. އޮއިލް ބަންކަރިންގެ ހިދުމަތް ފެށުމުގެ ގޮތުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ސްރީ ލަންކާގެ ކޮލަންބޯ އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ވައިސީ ބެރިއާ ކިޔާ ބޯޓަކަށް ހިދުމަތް ދީފަ އެވެ. އެއީ ރާއްޖެއިން އޮއިލް ބަންކަރިންގެ ހިދުމަތް ހޯދި ފުރަތަމަ ބޯޓެވެ.