އެމްޑީޕީ ހިންގަން ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އޭނާގެ ލީޑަޝިޕްގައި ޕާޓީ ނުހިނގާ އޮންނަން ބައެއް ބޭފުޅުން ބޭނުން ނުވެދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހުތަކެއް ހުށަހެޅުމުން އެކަމާ މެދު ބައެއް މެންބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އެދިފަ އެވެ. ބައެއް މެންބަރުން ވަނީ އެފަދަ އިސްލާހުތަކަކީ ގައުމީ މަޖިލީހުން ފާސްކުރެވޭނެ ކަންކަން ނޫން ކަމަށާއި އެ ބަދަލުތައް ފާސްކުރަން ޖެހޭނީ ކޮންގްރެސްގައި ކަމަށް ވިދާޅުވި އެވެ.
އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ގައުމީ މަޖިލީހުގެ ޖުމްލަ އަދަދަކީ 121 ކަމަށް ވިޔަސް ރޭ ހާޒިރުވެ ތިބި 42 މެމްބަރުންގެ ވޯޓާ އެކު އިސްލާހުތައް ފާސްކުރަން އުޅުމެވެ. އެއީ އިސްލާހުތައް ފާސްކުރާނެ ހަގީގީ މެޖޯރިޓީއެއް ނޫން ކަމަށް ބައެއް މެމްބަރުން ބުންޏެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އަސާސީ ގަވައިދަށް އެއްވެސް އިސްލާހެއް ގެނެވޭނީ ޕާޓީގެ ކޮންގްރެސްގަ އެވެ.
އެކަމަށް ރައްދު ދެއްވައި ފައްޔާޒް ވިދާޅުވީ އަސާސީގެ ގަވައިދުގެ 101 ވަނަ މާއްދާގެ ދަށުން ބައެއް ހާލަތްތަކުގައި ގައުމީ މަޖިލީހުން އަސާސީ ގަވައިދަށް އިސްލާހު ގެނެވޭ ކަމަށާއި އިސްލާހު ހުށަހެޅީ ގާނޫނީ ކަންކަން ސާފުކުރުމަށް ފަހު، ކޮންމެހެން އަވަހަށް ފާސްކުރަން ޖެހޭ ގަވައިދުތަކެއް ކަމަށްވާތީ ކަމަށެވެ.
ކޮންގްރެސް ބޭއްވެން އޮތީ އަންނަ އަހަރަށް ކަމަށާއި އެ ބަދަލުތައް އޭގެ ކުރިން ކޮންމެހެން ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އަށް ފަހު، އެމްޑީޕީގެ ލީޑަޝިޕްގެ ތެރޭގައި ހިޔާލުތަފާތުވުންތައް ބޮޑުވެ، ސޯޝަލް މީޑިއާ އިން ވެސް އެކަން ފެންނަމުން ދަނިކޮށް، ފައްޔާޒް ރޭ ވިދާޅުވީ "މި ކަންކަމަށް ހުރަސް އަޅައި ޕާޓީގެ ހިންގުން ލަސްކޮށް، ނުހިނގައި ބާއްވަން ބައެއް ބޭފުޅުން ބޭނުންވެދާނެ" ކަމަށެވެ. ނަމަވެސް އެކަންކަން ބަދަލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންގްރެސްއެއް އެހާ އަވަހަށް ބޭއްވޭނެ ގޮތެއް ނެތް ހޯދޭކަށް. އަންނަ އަހަރު ކުރީކޮޅު ނުވަތަ މެދުތެރޭގައި ބޭއްވޭނީ. އަންނަ އަހަރު މެދުތެރޭގައި ކޮންގްރެސް ބާއްވައިގެން ފާސްކުރަން ވެއްޖެ ނަމަ، ޕާޓީ ހިންގުމަށް ލަސްވޭ،" ފައްޔާޒް ވިދާޅުވި އެވެ.
"ފަހަރެއްގައި ބައެއް ބޭފުޅުން ބޭނުންވެދާނެ ޕާޓީ ނުހިނގައި މިވަގުތު އޮންނަން އަޅުގަނޑުގެ ލީޑާޝިޕްގެ ދަށުގައި."
ފައްޔާޒާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ މެދުގައި ހިޔާލުތަފާތުވުން އުފެދި، ޕާޓީގެ މެދުގައި ފެކްޝަންތައް އުފެދޭ ކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ވަނީ ގަދަވެފަ އެވެ. ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ވެސް ޝާހިދު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި މި އިސްލާހުތައް ގެންނަން މިހާރު ވެސް ވަނީ ލަސްވެފަ އެވެ. ގައުމީ މަޖިލީހުގެ ވަކި މެންބަރުންތަކެއް ވަޑައިނުގަންނަވާތީ ފާސްނުކުރެވި ދެން ލަސް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމީ މަޖިލިސް މެންބަރުންގެ އެބައޮތް ޒިންމާއެއް އެބައޮތް މި ޕާޓީ ހިންގުމުގެ ވަރަށް ބޮޑު، ޕާޓީގެ ހުރިހާ މެންބަރުންނަށް ޒިންމާ އެބައޮތް ތިބޭފުޅުންގެ ކުރިމަތީގައި. އެހެންވީމާ މިތަނަށް ވަޑައިގަންނަވާ ބޭފުޅުންގެ ޑިސްރެސްޕެކްޓް ކޮށްފައި އިތުރަށް ބޭފުޅުން އައިސްގެންނޭ ބުނެ [ފާސްނުކޮށް މަޑުނުކުރެވޭނެ] މިހާރު ދެ މަސް ތިން މަސް ވެގެން މި ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.
ޕާޓީ ހިންގުމަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ހުރި ކަމަށާއި ނަމަވެސް އެކަމަށް ފަރުވާލެއް ނެތް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"މުޅި ރާއްޖޭގެ ޓްވީޓަރުގަ އާއި އެހެނިހެން ގޮތްގޮތުން އަޅުގަނޑަށް ހުރި ގޮންޖެހުންތަކެއް އެބަހުރި ޕާޓީ ހިންގުމުގައި، އެކަންކަމަށް ދަރު އަޅާނެ ބަޔަކު ވެސް ތިބޭނެ. އަޅުގަނޑު އެކަމަކަށް އެހާ ބޮޑު ކަންބޮޑުވުމެއް ނެތް،" ފައްޔާޒް ވިދާޅުވި އެވެ.
އަސާސީ ގަވައިދަށް ރޭ ގެނައި އިސްލާހުތައް
- ލީޑަޝީޕަށް ލަފާދިނުމަށްޓަކައި ގައުމީ މަޝްވަރާ މަޖިލީހެއް އުފެއްދުން.
- ޕާޓީގެ މެންބަރުންގެ ތެރެއިން އިންތިހާބީ ކަންސިލަރުން ތަމްސީލު ކުރާ ކައުންސިލަރުންގެ އެސެމްބްލީއެއް އުފެއްދުން.
- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ޕާޓީ ގޮތްޕެއް އުފެއްދުން.
- ރަށު ހިންގާ ކޮމިޓީ އެކުލަވާލުން.
ފައްޔާޒް ވިދާޅުވި ގޮތުގައި މިވަގުތު އެންމެ ބޮޑު އަމާޒަކީ ޕާޓީ ވަރުގަދަ ކުރުމެވެ. ޕާޓީގެ ފަލްސަފާއަކީ ވަކި ބަޔަކަށް ޕްރޫވްކޮށްދިނުން ނޫން ކަމަށާއި ޕާޓީ ހިންގަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.