ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހަރާކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ "އަބްލޯ މިޔާދު ޔޫސުފް"ގެ ނަމުގައި ސޯޝަލް މީޑިގައި ހަރަކާތްތެރިވާ މީހަކު ރައީސަށް މަރުގެ އިންޒާރުދިން މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
ރައީސް މުއިއްޒު އަވަހަރާކޮށްލާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިނީ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު ތަގުރީރު ކުރައްވަމުން ގެންދަވާ ލައިވް ވީޑިއޯއަކަށް ކުރި ކޮމެންޓެއްގަ އެވެ.
ނުވަ ހާހަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެ މީހާގެ ސޯޝަލް މީޑިއާގައި އެކައުންޓުގައި ގިނަ ބަޔަކަށް އިންޒާރުދީ ޕޯސްޓުތައް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާނު، ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓަކާ ގުޅިގެން "ކަރު ކަނޑާލަން ޖެހޭ ވަރު"ގެ މީހެއް ކަމަށް ބުނެ އޭނާގެ އެކައުންޓުން ކޮމެންޓްކޮށްފައިވެ އެވެ.
އެ އެކައުންޓަކީ އަސްލު އެކައުންޓެއް ކަމެއް ނުވަތަ ފޭކު އެކައުންޓެއް ކަމެއް ކަށަވަރެއް ނުވެ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ރައީސުންނަށް އެކި ކަހަލަ ހަމަލާތައް ދީފައިވެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރަށަކަށް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނަށް ވަޅިން ހަމަލާދޭން މަސައްކަތްކުރި އެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް އެމަނިކުފާނު އިންނެވި ރިޔާސީ ލޯންޗުކޮޅު ވެސް ގޮއްވާލަން ހަމަލާއެއް ދެވުނެވެ.