ފ. އަތޮޅު ވިއްކާލާ ވާހަކަތަކަކީ އުފެދިގެން ވާނެ ސުވާލެއް ނޫން ކަމަށާއި އެ އަތޮޅު ވިއްކާލާން ސަރުކާރުން ނިންމާފައި ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. އަދި އެ އަތޮޅުގައި ހިންގަނީ 10 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުއެއް ކަމަށް ވެސް، ފުރަތަމަ ފަހަރަށް އެމަނިކުފާނު ވަނީ ހާމަކުރައްވައިފަ އެވެ.
ގއ. އަތޮޅުން ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތަކާ ހަވާލުވެވަޑައިގަތުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ފ. އަތޮޅު މަޝްރޫއަކީ "މީހަކު މޭކަރަން ޖެހޭވަރުގެ ކަމެއް ނޫން" ކަމަށެވެ. އެ އަތޮޅަށް އަންނަން އުޅެނީ ރާއްޖެ އަށް ދުވަހަކު ވެސް ނާންނަ ވަރުގެ ބިޔަ މަޝްރޫއެއް ކަމަށް ވިދާޅުވި އެވެ.
އެ މަޝްރޫއާ އެކު ދުނިޔޭގެ ގައުމުތަކުގެ ޗާޓުގެ އެންމެ ކުރިއަށް ރާއްޖެ އަރާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.
"ފ. އަތޮޅަށް އަންނަން މިއޮތީ އެތައް ހާސް ބިލިއަން ޑޮލަރެއްގެ ޕްރޮޖެކްޓެއް. އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެންގެ ނެގޯސިއޭޝަންތަކުގެ ތެރޭގައި އެއް އެސްޓިމޭޓަކަށް ގާތްގަނޑަކަށް 10 ހާސް ބިލިއަން ނުވަތަ 10 ބިލިއަން ޑޮލަރުގެ މަޝްރޫއެއް މިއީ." ފ. އަތޮޅުގައި ހިންގާ މަޝްރޫއާ ބެހޭ ގިނަ މައުލޫމާތުތަކެއް ފުރަތަމަ ފަހަރަށް ހާމަކުރައްވަމުން ރައީސް ވިދާޅުވި އެވެ.
"ފ. އަތޮޅުގައި ވާން މިއުޅެނީކީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް ގަބޫލުކުރަން ދަތި ކަމެއް ނޫން. ފ. އަތޮޅުގައި ވާން މިއުޅޭ ކަމަކީ އޭގެ ނަތީޖާ ރަނގަޅު ވެއްޖެ ކަމުގައިވާ ނަމަ ދިވެހިރާއްޖެ މުޅި ދުނިޔޭގެ ޗާޓުގައި، އެއަށް ވުރެން ވަރުގަދަ އަށް ފަވާލެވޭނެ އެހެން ގައުމެއް ނާންނާނެ ވަރުގެ މަޝްރޫއެއް."
މި މަޝްރޫއަކީ ހަމަގައިމު ވެސް ސޫޓްކޭސްއަކަށް އަޅައި ބަންދުކޮށްލައިގެން އަޅުގަނޑު ވެރިކަމުން ވަކިވާއިރު އަޅުގަނޑު ގެއަށް ގެންދާނެ މަޝްރޫއެއް ނޫން. --ރައީސް
ފ. އަތޮޅަށް ހަދަން އުޅޭ ގޮތަމާ މެދު އުފައްދާ ސުވާލުތަކާއި ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވި ގޮތުގައި އެ އަތޮޅުގައި ހިންގާ މަޝްރޫއު ފަދަ، ބިޔަ މަޝްރޫއުތަކުގެ ތަފްސީލު ނުލިބިގެން އެއްވެސް މީހަކު ކަންބޮޑުވާކަށް ނުޖެހެ އެވެ. އެ ތަފްސީލުތައް ހާމަކުރާނީ، މަޝްވަރާތައް ނިމި ހާމަކުރަން ޖެހޭ ހިސާބުން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން "ހީނުކުރާ މިންވަރަށް" ފ. އަތޮޅު ތަރައްގީ ވާނެ ކަމަށެވެ. އޭގެ ނަފާ ލިބެން އޮތީ ހަމައެކަނި އެ އަތޮޅުގެ ރައްޔިތުންނަށް ނޫން ކަމަށާއި އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"މި މަޝްރޫއުގެ ތެރޭގައި ބައިނަލްއަގުވާމީ ކަނޑުގެ ކުޅިވަރުތަކުގެ އެތައް ކަމެއް، މިކްސްޑް ޑިވެލޮޕްމަންޓް، ރެޒިޑެންޝަލް، ހައި ކްލާސް ޑިވެލޮޕްމަންޓް، ޓޫރިސްޓު އެތައް ރިސޯޓެއް، އެތައް އެއާޕޯޓެއް އެތައް ބައިވަރު މަސައްކަތްތައް ހިމެނޭ މަޝްރޫއެއް މިއީ،" ރައީސް ވިދާޅުވި އެވެ.
އެ މަޝްރޫއުގައި ސޮއިކުރާ ހިސާބުން ސަރުކާރަށް ވަންނާނެ އާމްދަނީއާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ހުރިހާ ތަފްސީލެއް ސޮއިކުރެވޭ ހިސާބުން ރައްޔިތުންނަށް ސާފުވެގެންދާނެ ކަމަށެވެ.
އޭގެ ކުރިން އެ ތަފްސީލުތައް ސަރުކާރުން ހާމަނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ތުހުމަތުތައް ކުރާއިރު ވެސް މި މަޝްރޫއާ ގުޅޭ ގޮތުން ސަރުކާރުން ޖަވާބުދާރީ ނުވެ އޮތީ ޖަވާބުދާރީ ވެވެން ނެތިގެން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ޖަވާބުދާރީ ނުވެ މިހާތަނަށް މިދިޔައީ، މި ދެންނެވި ގޮތަށް މި މަޝްރޫއަކީ މިހާ ބޭނުންތެރި މަޝްރޫއަކަށް ވާތީ، ދެ ފަރާތުން ކުރާ ޒުވާބުގެ ތެރޭގައި އަޅުގަނޑުމެން ބޭނުމެއް ނޫން އިންވެސްޓަރުން ފޫހިކޮށްލާކަށެއް،" ރައީސް ވިދާޅުވި އެވެ.
"މި މަޝްރޫއަކީ ހަމަގައިމު ވެސް ސޫޓްކޭސްއަކަށް އަޅައި ބަންދު ކޮށްލައިގެން އަޅުގަނޑު ވެރިކަމުން ވަކިވާއިރު އަޅުގަނޑު ގެއަށް ގެންދާނެ މަޝްރޫއެއް ނޫން."
ރާއްޖެ ގެންދަން މިސްރާބު ޖަހާފައިވާ އަމާޒަށް ވާސިލްވާން، ރައީސް ވިދާޅުވި ގޮތުގައި، "ފ. އަތޮޅު މަޝްރޫއަކީ އެންމެ މުހިއްމު، ބިޔަ، ބޮޑު މަޝްރޫއު" އެވެ. އިގްތިސާދީ ހާއްސަ ސަރަހައްދުތައް ތަރައްގީކުރަން ބޭނުންވާނެ ގާނޫނުތައް ހެދީ، ފ. އަތޮޅު މަޝްރޫއު ފަދަ މަޝްރޫއުތަކަށް އަމާޒުކޮށް ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޝްރޫއުތައް ކުރިއަށް ގެންދާނީ ފާސްކޮށްފައިވާ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެ ގާނޫނުތަކުގެ ދަށުން މަޝްރޫއުތަކަށް ބިން ދޫކުރާނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ބުރޫއަރައި ގާނޫނީ ބާރު ނުހިނގާ ގޮތަކަށް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަދި އެކަންކަން ކުރާއިރު، އެއީ ޣައިރު މުސްލިމުން ކަންކަން ކުރާ ގޮތަށް ކަންކަން ކުރަން ޖާގަ ދެވޭ ތަންތަނެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހަކީ ވެސް ތަރައްގީއަށްޓަކައި ކުރި ކަމެއް ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެ ގައުމެއްގެ ގާނޫނީ ވެއްޓާ ދޭތެރޭގައި ސުވާލު އުފައްދާކަމަށް ވާ ނަމަ، 100 މިލިއަން ޑޮލަރު، 500 މިލިއަން ޑޮލަރު ނުވަތަ 10 ބިލިއަން ޑޮލަރުގެ އިންވެސްޓަމަންޓްތައް ހިފައިގެން އިންވެސްޓަރުން ނާންނާނެ ކަމަށެވެ. ގާނޫނީ ހާއްސަ އިމްތިޔާޒުތަކެއް އިންވެސްޓަރުންނަށް ލިބެން ޖެހެނީ އެ ސަބަބާ ހެދި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރާއްޖެ އަށް ލިބިފައި އޮތް މުއްސަނދި ކަމަކީ ބިން ކަމަށް ވާއިރު، އޭގެ ބޭނުން ހިފާތީ ކަންބޮޑުވާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި ވިސްނަން ޖެހެނީ، ބިން އުފައްދާނެ ގޮތާއި ބިން ބޭނުންކުރާނެ ގޮތަކާ މެދު ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބިންތައް ބޭނުންކޮށްގެން ގައުމު ތަރައްގީކުރުމުގެ ފުރުސަތު މިހާރު އިދިކޮޅު ފަރާތްތަކުގައި ތިބި މީހުންނަށް ވެސް ލިބުނު ކަމަށެވެ. އެކަމަކު އެކަން ނުކޮށް، އޭރު ކުރީ ކީއްތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
"ފ. އަތޮޅު މަޝްރޫއާ އަޅުގަނޑުމެން އަޅާކިޔަން ބޭނުންވަނީ ކުއްޅަވައް ފެކްޓްރީއާ ކަމަށް ވަންޏާ، ތަންކޮޅެއް މިއިން ފައިދާ ބޮޑުވާނެ. އެއީ ޔަގީންކަމެއް. ފ. އަތޮޅު މަޝްރޫއަކީ ހަމައެކަނި ފ. އަތޮޅު ރައްޔިތުންނަށް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އެއް އެސްޓިމޭޓަކަށް ހަދާއިރު މިހާރު ޓޫރިޒަމްގެ ރަށްތަކުން މި އަންނަ ތަރައްގީ އަށް ބަލާ ކަމަށް ވަންޏާ ދާދި އެއްވަރުގެ ޕްރޮޖެކްޓެއް މިއީ."
މި މަޝްރޫއާ މެދު "މޭކަރާ ފަރާތްތަކުން ޑައިޖިން ފުޅިތައް ގެއަށް އެއްކުރަން ޖެހޭ ކަމަށް" ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފ. އަތޮޅު މަޝްރޫއާ މެދު ތުހުމަތުކޮށް، ސުވާލު އުފައްދައި އިންވެސްޓަރުންނަށް ދަތިކުރާ ނަމަ، ދިވެހިން ސިފަކުރެވޭނީ، ރައީސް ވިދާޅުވި ގޮތުގައި، ނިއުމަތްތަކަށް ޝުކުރު ނުކުރާ ބައެއްގެ ގޮތުގަ އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ އަންނަ ބިޔަ މަޝްރޫއުތަކުގެ މައުލޫމާތު ސަރުކާރުން، ރައްޔިތުންނަށް ނުފޮރުވާނެ ކަމަށެވެ. އެކަން ކުރީ، އެހެން ސަރުކާރުތަކުން ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރުވެސް އެތައް އިންވެސްޓަރުންގެ ލޯ ރާއްޖެ އަށް އަމާޒުވެފައިވާއިރު އެކަންކަމަށް އުފާކުރަން ޖެހެ އެވެ. މައްސަލައަކަށް ނަގައިގެން ފާޑުކިޔަން ޖެހެނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ މަޝްރޫއުގެ ތެރޭގައި ހިޔާނާތުގެ ކަމެއް ނުވަތަ ގާނޫނާ ހިލާފު ކަމެއް އުޅޭ ނަމަ އެވެ.
އެހެން ނޫނީ، ސަރުކާރުން ރައްޔިތުންނަށް ގެންނަ ތަރައްގީގެ މަޝްރޫއުތަކަށް ހުރިހާ ފަރާތްތަކަކުން ވެސް އެއްބާރުލުން ދޭން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ސައުދީ ރަސްގެފާނުގެ އެހީގައި މާލޭގައި އަޅާ ރީތި، ބޮޑު މިސްކިތް މަޝްރޫއާ ގުޅިގެން އެފަދަ ތަފްސީލުތަކެއް ހޯދަން އުޅުނު މީހަކު ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އިންޑިއާ ކަނޑުގެ ތެރޭގައި ޖަހާފައިވާ "ކަޑަތަކެއް" ގެ ގޮތަށް ދިވެހިން ތިބެގެން ނުވާނެ ކަމަށާއި އެއަށް ވުރެ ވިސްނުން ފުޅާކޮށް ރާއްޖެ މިސްރާބު ޖަހާފައި ވަނީ އަމާން ބަނދަރަކަށް ކަން ގަބޫލުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތަކުގައި އަމާޒު ފެންނަ ކަމަށާއި "ރީނދޫ ކުދިން ދާން ބޭނުން ނުވިއަސް" މާލެ އިން ހުޅުލެ އަށް ބްރިޖު ވެސް ގުޅިގެން ދާތަން ރައްޔިތުންނަށް ފެންނަ ކަމަށެވެ. "ހަ ފުށް ފެނުމަކީ" އެއީ ކަމަށާއި "ހަ ފުށުން ހަ ފަރާތުން ފެންނަ" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އާމްދަނީން ބޮލަކަށް ކުރިން ޖެހެނީ 4،000 ޑޮލަރު ކަމަށާއި ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ތިން އަހަރުން އެ އަދަދު ދެ ގުނަކޮށް 8،000 ޑޮލަރަށް މަތިކޮށްފައިވާ ކަމަށެވެ. އެ އަދަދު ބޮލަކަށް 10،000 ޑޮލަރު ނުވަތަ 12،000 ޑޮލަރަށް މަތިކުރަން މަސައްކަތްކުރަމުން އަންނައިރު މަޑުމަޑުން ކަންކަން ކޮށްގެން ބޭނުންވާ ތަރައްގީ ނުހޯދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.