އޯލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ ކާމިޔާބީ އުސޫލާ އެއްގޮތަށް ފާހަގަކުރާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
"މަތީ އަރުތަވެރިންގެ އިނާމް" ދިނުމުގެ ޖަލްސާ، އަންނަ ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.
މިއަހަރުގެ އޭލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާއަށް ދައުވަތު ދީފައި ވަނީ އޯލެވެލްގެ އެއް ވަނައިގައި ހިމެނުނު ދަރިވަރުންނަށް އެކަނި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ބެލެނިވެރިން ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.
އެކަމަކާ ބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމާ ގުޅޭ ގޮތުން ބައެއް މީހުން ރަނގަޅު ނޫން މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"މަތީ އަރުތަވެރިންގެ އިނާމް" ދިނުމުގެ ޖަލްސާގައި، އޯލެވެލްއިން ދުނިޔޭގެ ފެންވަރުގައި ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އިނާމު ދިން ނަމަވެސް، އޯލެވެލް ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ ކާމިޔާބީ މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް އަދި ފާހަގަކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އޯލެވެލް ނިންމާ އިމްތިހާންތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދާ ދަރިވަރުންގެ ކާމިޔާބީ މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ފާހަގަކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި އޭ ލެވެލް އިމްތިހާނުގައި، ރާއްޖޭގެ 45 ސެންޓަރެއްގައި އޭލެވެލް އިމްތިހާނު ހެދި އެވެ. އެއީ މާލޭގެ ތިން ސެންޓަރެއްގެ އިތުރުން، އަތޮޅު ތެރޭގެ 42 ސެންޓަރެއްގަ އެވެ. އެ އިމްތިހާނުގައި 3،268 ދަރިވަރުން ބައިވެރިވި އެވެ.
އޭގެ ތެރެއިން ގަދަ 10 ގައި 400 އަށް ވުރެ ގިނަ ދަރިވަރުން ހިމެނުނެވެ.