ޗިވަނިން ސްކޮލަޝިޕްގައި މި އަހަރު ކިޔަވަން ދާ ދިވެހި ދަރިވަރުންނާ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކެރޮން ރޮޝްލާ ބައްދަލު ކުރައްވައިފި އެވެ.
ސަފީރު އެ ދަރިވަރުންނާ ބައްދަލުކުރެއްވީ ރާއްޖޭގައި ހުންނަ ބްރިޓިޝް ހައި ކޮމިޝަނުގެ އޮފީހުގައި މިދިޔަ އަންގާރަ ދުވަހު އެވެ.
މި އަހަރު ރާއްޖެއިން އަށް ދަރިވަރަކު މި ސްކޮލަޝިޕްގައި ކިޔަވަން ދެ އެވެ.
ބްރިޓިޝް ހައި ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އަހަރު އެ ސްކޮލަޝިޕްގައި ކިޔަވަން ދާ އަށް ދަރިވަރުންގެ ތެރެއިން ހަތް ދަރިވަރަކާ ސަފީރު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
ޗިވަނިން ސްކޮލަޝިޕަކީ އިނގިރޭސިވިލާތުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމަށް އެ ގައުމުގެ ސަރުކާރުން ފަންޑުކޮށްގެން ހިންގާ އިންޓަނޭޝަނަލް ސްކޮލަޝިޕްގެ ފުރުސަތެކެވެ. އެ ސްކޮލަޝިޕްގައި ދުނިޔޭގެ އެކި ގައުމުތަކުން 60،000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމު ހާސިލްކޮށްފަ އެވެ.
އެ ސްކޮލަޝިޕްގައި 2025-2026 އަށް ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.