ފަހު މިނެޓްގައި އިންޑިއާ އަތުން ބަލިވެ، ހިތްދަތިނަތީޖާއަކުން، 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގެ މުބާރާތް ރާއްޖެއަށް ނިމިއްޖެ އެވެ.
މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ރާއްޖެ ބަލިވީ ފަހު މިނެޓްގަ އެވެ. ދިވެހި ޓީމުގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން 2-1 ން ބަލިވީ ވެސް އެންމެ ފަހު ވަގުތުގަ އެވެ. މިއަދު މެޗު އެއްވަރުވިޔަސް، ގުރޫޕުގެ އެއްވަނައިގައި އިންޑިއާ ސެމީ ފައިނަލަށް ދާނެ އެވެ.
ރާއްޖެ އަށް މޮޅުވެގެން ނޫންގޮތަކަށް ސެމީގެ އުންމީދު ކުރެވޭކަށް ނެތެވެ. އެ ހުރިހާ ޕްރެޝަރެް ކޮނޑަށްލައިގެން ނުކުމެ ދިވެހި ޓީމުން އިންޑިއާގެ ކައިރީގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ތިރިން ކުރު ޕާސްތަކެއް ޖަހައިގެން ކުޅެމުން ދިޔަ އިންޑިއާގެ ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި ރާއްޖޭގެ ކީޕަރު މުހައްމަދު ޔާމީން ރަނގަޅު ސޭވްތަކެއް ކުރި އެވެ.
އެކަމަކު އޭނާގެ މޮޅު ސޭވްތަކުން ހިތްހަމަޖައްސާލައިގެން ރާއްޖެއަށް ފަރުޖައްސާލެވޭ ގޮތެއް ނުވި އެވެ. ރާއްޖޭގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އިންޑިއާގެ މަގްލަންތެން ކިޕްޖެން، އިނޑިއާ އަށް ލީޑް ނަގައި ދިނެވެ.
ރާއްޖޭގެ ދީފާއީ ކުޅުންތެރިންނަށް ރަނގަޅަށް ބޯޅަ ދިފާއު ނުކުރެވުމުން، އޭރިއާގެ ބޭރުން ލިބުނު ކިޕްޖެން ވަނީ ތިތރިން ގޯލްގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ގުރޫޕް އޭ އިން ސެމީގެ ޖާގަ ހޯދީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ބަންގްލަދޭޝެވެ. ސެމީގައި ނޭޕާލް ވާދަކުރާނީ ބުޓާނާ ދެކޮޅަށެވެ. އިންޑިއާ ވާދަކުރަނީ އެންމެ ފަހުގެ ރަނަރަފު ބަންގްލަދޭޝްއާ ދެކޮޅަށެވެ.