ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއަށް، ސަރުކާރު ހިންގާ ޕީއެންސީ ހެދުމަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް ފަށައިފި އެވެ.
ޕީޕީއެމްއާ އެކު ކޯލިޝަންގައި އޮތް ޕީއެންސީ، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މިހާރު އޮތީ ތިން ވަނައިގަ އެވެ. ތިން ވަނަ އަށް ޕީއެންސީ އެރީ މި ސަރުކާރު ވެރިކަމަށް އައިސް، ކުރު މުއްދަތެއްގެ ތެރޭގަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، 50،980 މެމްބަރުންނާއެކު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތީ އިދިކޮޅު އެމްޑީޕީ އެވެ. ދެވަނައިގައި އޮތް ޕީޕީއެމްގައި ތިބީ 34،827 މެމްބަރުންނެވެ.
ޕީއެންސީ ތިން ވަނައިގައި އޮތީ 28،704 މެމްބަރުންނާ އެކު އެވެ.
ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާން ވިދާޅުވީ ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ރަސްމީކޮށް އެ ހަރަކާތް މުޅި ރާއްޖޭގައި ފެށީ މި މަހު ކަމަށެވެ.
އެ ހަރަކާތަކީ ޕީއެންސީއަށް ވަނުމަށް ޝައުގުވެރިވާ މީހުންނާއި އެ ޕާޓީއަށް ވަންނަން ބޭނުންވެ، ނުވަދެވި ތިބި މީހުން ވެއްދުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ [ޕީއެންސީ]އަށް ވުން. އެ ޓާގެޓަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.
މާލެ އާއި އަތޮޅު ތެރޭގައި ޖުމްލަ 12 ދާއިރާއެއްގައި މެމްބަރުން އިތުރު ކުރުމަށް ޕީއެންސީގެ ޓީމުތަކުން މަސައްކަތް ކުރިއަށް ގެންދާއިރު 100 އަށް ވުރެ ގިނަ މެމްބަރުން އެ ހަރަކާތުގައި ދޮރުން ދޮރަށް ހިނގައި ފޯމު ފުރައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒީނާޒް ވިދާޅުވީ ޕާޓީއަށް ވެއްދުމުގައި ޕީޕީއެމްގައި ތިބި މެމްބަރުންގެ ތެރެއިން ޕީއެންސީއަށް ބަދަލުވާން ބޭނުންވާ މީހުންނާއި އެހެން ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެފައި ތިބި މީހުންގެ ތެރެއިން ވެސް ޕީއެންސީއަށް ވަނުމަށް ބޭނުންވާ މީހުންނަށް ފުރުސަތު އޮންނާނެ ކަމަށެވެ.
ޕީއެންސީ މީގެ ކުރިން ޕީޕީއެމްގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި އޮތަސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުން ވާދަކުރީ ޕީއެންސީން އެކަންޏެވެ. އެ އިންތިހާބުގައި މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެ ޕާޓީން ހޯދި އެވެ.
މި އަހަރު ނިމުމުގެ ކުރިން ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކަށް ހައްދަވާނެ ކަމަށް ޕީއެންސީގެ ލީޑަރު، ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.