މާލޭގައި އެމްޑަބްލިއުއެސްސީއިން ބަހައްޓާފައި ހުރި ޕަމްޕް ސްޓޭޝަންތަކުން ދުވާ ވަސް ކޮންޓްރޯލް ކުރުމަށް ހާއްސަ ސިސްޓަމެއް ބަހައްޓައި، ބޭނުން ކުރަން ފަށައިފި އެވެ.
މި ސިސްޓަމް ބަހައްޓާފައި ވަނީ މާފަންނު ބުރުޒުމަގުގައި ހުންނަ 4 ނަމްބަރު ޕަމްޕް ސްޓޭޝަންގަ އެވެ.
ވަސް ކޮންޓްރޯލް ސިސްޓަމް ނޫސްވެރިންނަށް ދައްކާލައި، އެ ސިސްޓަމާއި ގުޅޭގޮތުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ވަސް ކޮންޓްރޯލް ކުރާ ސިސްޓަމްތަކެއް ބެހެއްޓީ ޕަމްޕް ސްޓޭޝަންތަކުން ދުވާ ނުބައިވަހުގެ ސަބަބުން އާންމުންގެ ޝަކުވާތައް ލިބިފައިވާތީ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕަމްޕް ސްޓޭޝަންތައް ބެހެއްޓިފައި މިހުރީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ތެރޭގައި. މި ސްޓޭޝަންތަކުން ނުބައި ވަސް ދުވާ، އާއްމުން އެކަމުގެ ޝަކުވާކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެ. މި ކަމަށް ހައްލު ހޯދައިދިނުމަށް މި ބެހެއްޓި ސިސްޓަމުން ވައި ސާފުކޮށް، 99 ޕަސެންޓަށް ވަސް ކޮންޓްރޯލް ކޮށްދޭނެ." މަތީން ވިދާޅުވި އެވެ.
މަތީން ވިދާޅުވީ މާލޭގެ ހުރިހާ ޕަމްޕް ސްޓޭޝަންތަކުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ވަސް ކޮންޓްރޯލް ކުރާ ސިސްޓަމުތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރު އެ ކުންފުނީގެ ދެ ވަނަ ޕަމްޕް ސްޓޭޝަނުގައި މި ސިސްޓަމް ބެހެއްޓުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަ ކުރެއްވި އެވެ. އަދި މި ސިސްޓަމް ބޭނުން ކުރުމަށް ސޯލާ ޕެނަލް ބަހައްޓަން ޖާގަ ލިބޭ ތަންތަނުގައި، ސޯލާ ޕެނަލް ހަރުކޮށް، އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭގައި ބަހައްޓާފައި ހުރި ޕަމްޕް ސްޓޭޝަންތަކުން ނުބައި ވަސް ދުވުމުގެ ޝަކުވާތައް އާންމުން ކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެމްޑަބްލިއުއެސްއީ އިން ބުނިގޮތުގައި ޕަމްޕް ސްޓޭޝަނުގައި ބެހެއްޓި ސިސްޓަމަކީ ގިނަ ދިރާސާތަކަކަށް ފަހު ބެހެއްޓި ސިސްޓަމެކެވެ. އަދި މިއީ ކުންފުނި ޒަމާނީކޮށް ތިމާވެއްޓާއި ރައްޓެހި ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން ފެށި މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.