ރާއްޖެއިން މިވަގުތު އެންމެ ބޭނުންވާނެ ކަންކަން އޮޅުން ފިލުއްވައި، އެކަންކަމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ޗައިނާއިން ކަނޑައަޅުއްވާފައިވާ ސަފީރު ވަން ލިޒިން މިއަދު ދެއްވައިފި އެވެ.
ޗައިނާ ސަފީރު ވަނީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފަ އެވެ. ރައީސް އޮފީހުން ބުނީ އެ ދެ ބޭފުޅުންގެ ބައްދަލުވުމުގައި ރާއްޖެއަށް މިވަގުތު އެންމެ ބޭނުންވާނެ ކަންކަން އޮޅުންފިލުއްވައި، އެކަންކަން ފަހިކޮށް ދިނުމަށް ޗައިނާއިން ދެވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށް ސަފީރު ވިދާޅުވި ކަމަށެވެ. އަދި ޗައިނާގެ ރައީސް ޝީޖިންޕިން ރާއްޖެއާ މެދު ބަހައްޓަވާ ހާއްސަ ގާތްކަމުގެ މައްޗަށް ވެސް ސަފީރު އަލި އަޅުވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ޗައިނާއަށް ރައީސް ޑރ. މުހައްމަދު ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާކުރި ކަންކަމާއި، އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރުން ހަލުވި ދުވެލީގައި ކުރިއަށް ގެންދަން ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރެވެންހުރި ކަންކަމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޗައިނާއިން ރާއްޖެއަށް ބޭނުންވާ ކަންކަން އޮޅުންފިލުވައި އެކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަން ހާމަކޮށްފައިވާއިރު، ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.