މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އޭނާގެ މަގާމްގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށާއި މި ސަރުކާރަށް މިހާތަނަށް އެއްވެސް ލަފައެއް ވެސް ދެއްވާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިމް މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ ދައުލަތުން އިގްތިސާދުގެ ކަންކަން ހަމައަކަށް އަޅުވަން ކުރާ މަސައްކަތް ކުރެވޭނީ ހަރުދަނާ ފިސްކަލް ޕޮލިސީއެއްގެ ދަށުން ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވެގެން މިވީ ހަތް މަސް ދުވަސް ތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަކަށް އެއްވެސް ކަހަލަ ލަފައެއް ލިބިފައެއް ނުލިބޭ. އަދި މި މަޖިލީހަށް ވެސް ލިބިފައި ނުވޭ. -- ނާޒިމް
ނަމަވެސް އިގްތިސާދުގެ ކަންކަން ރަނގަޅު ކުރަން ދައުލަތަށް މަނިޓަރީ ޕޮލިސީއެއް ކޮންޓްރޯލް ނުކުރެވޭނެ ކަމަށާއި އެއީ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެ މަސްއޫލިއްޔަތު ގަވަރުނަރާ ގާނޫނީ ގޮތުން ހަވާލުކޮށްފައި އޮތަސް، އެ މަގާމުގައި މިހާރު ހުންނެވި ހާޝިމް އެ މަސްއޫލިއްޔަތު އަދާކުރައްވާ ތަނެއް ނުފެނެ އެވެ.
"މި ސަރުކާރު ވެރިކަމާ ހަވާލުވެގެން މިވީ ހަތް މަސް ދުވަސް ތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަކަށް އެއްވެސް ކަހަލަ ލަފައެއް ލިބިފައެއް ނުލިބޭ. އަދި މި މަޖިލީހަށް ވެސް ލިބިފައި ނުވޭ." ނާޒިމް ވިދާޅުވި އެވެ.
ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް، އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސެޕްޓެމްބަރު 8، 2019ގަ އެވެ. އޭނާ ވަނީ 2008 ވަނަ އަހަރުން 2010 ވަނަ އަހަރަށް ރާއްޖޭގެ ފިނޭންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.