އިޒްރޭލު މީހުން ރާއްޖެ އަށް އެތެރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ. މިއީ އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރުމާ ގުޅޭ ކަމެއްގައި ކެބިނެޓުން ގޮތްތަކެއް ނިންމި ފުރަތަމަ ފަހަރެވެ.

މިއަދުގެ ކެނިނެޓް ބައްދަލުވުމަށް ފަހު، ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މިއަދު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ. އެ ކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛

* ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

* ފޮރިން މިނިސްޓަރު މޫސާ ޒަމީރު

* އެޓާނީ ޖެނެރަލް އަހުމަދު އުޝާމް

* އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

* ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

* އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް

އިހުސާން ވިދާޅުވީ، ފަލަސްތީނުގެ މައްސަލަ އަށް އަވަސް ހައްލެއް ގެނެސްދިނުމަށް އިތުރު ކަންކަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި؛

- ފަލަސްތީނުން އެދޭ ކަންކަމަށް ސްޕެޝަލް އެންވޯއީއެއް ކަނޑައަޅަން ނިންމުން.

- ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށް ނިންމުން.

- "ފަލަސްތީނާއެކު ދިވެހިން" ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުން

- ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމުން.

އިހުސާން ވިދާޅުވި ގޮތުގައި ސަރުކާރުގެ އެ ނިންމުމަކީ ގިނަ ބަޔަކު އެދޭ އެދުމެއް ކަމަށެވެ. މި ސަރުކާރުން ރައީސް މުއިއްޒު އިސްވެ ނަންގަވަމުން ގެންދަވަނީ އާ ސްޓެންޑާޑްތަކެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުކުރެވޭ ގޮތަށް ހަދަން ނިންމުމަކީ އިންސާނިއްޔަތަށް ނިންމި ނިންމުމެއް ކަމަށެވެ.

ފަލަސްތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ މީހުންނަށް ލާއިންސާނީ އަނިޔާ ދެމުން ގެންދާ އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއިން ބަލައިނުގަތުމަށާއި އެ ތަނުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާކުރަން ގޮވާލައި ރާއްޖޭގައި ދޭތެރެ ދޭތެރެއިން މުޒާހަރާކުރެ އެވެ.

ރާއްޖެ އެތެރެވާ މީހުންނާއި އެތެރެނުވެވޭ މީހުން ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާއިރު ވެސް، ގާނޫނު އިސްލާހު ކުރަން ނިންމާފައިވާތީ ނޫސްވެރިއަކު ކުރި ސުވާލަށް އިހުސާން ވިދާޅުވީ މިހާރު ގާނޫނުތައް އޮތްގޮތުން އޭޖީ އުޝާމް ލަފާ އަރުވައްވާފައިވަނީ އެ އަށް ބަދަލުތައް ގެންނަން ކަމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް އިސްލާހު ގެންނަން ކެބިނެޓުން މިއަދު ނިންމުމަށް ފަހު، ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން (މ) އެކަމުގެ ތަފްސީލުތައް ދެއްވާއިރު، އެ ކޮމިޓީގެ ދެން ތިއްބެވި ބޭފުޅުން މަޑުކޮށްލައްވައިގެން.-- ފޮޓޯ: ރައީސް އޮފީސް
އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް އިސްލާހު ގެންނަން ކެބިނެޓުން މިއަދު ނިންމުމަށް ފަހު، ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އިހުސާން (މ) އެކަމުގެ ތަފްސީލުތައް ދެއްވާއިރު، އެ ކޮމިޓީގެ ދެން ތިއްބެވި ބޭފުޅުން މަޑުކޮށްލައްވައިގެން.-- ފޮޓޯ: ރައީސް އޮފީސް

"ގާނޫނު އަސާސީގައި ވެސް އެބަހުރި ވަކި ވަކި ގައުމުތައް ކަނޑައަޅާފައި ގާނޫނުތައް މި ގޮތަށް މާނަކޮށް، ރެސްޓްރިކްޝަން ނާޅަން ބާރުއަޅާފައި. އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ، ގާނޫނީގޮތުން ކުރެވޭނެ އެންމެ އަވަސް މަގެއް އަޅުގަނޑުމެން މި ހޯދަނީ. އެގޮތަށް އަޅުގަނޑުމެން މި ބަލަނީ، ގާނޫނަކުން ކަމަށް ކަނޑައެޅޭނީ ރެސްޓްރިކްޝަންތަކެއް ރާއްޖޭގެ އެންޓްރީއަށް. އެ ގާނޫނުތައް އަޅުގަނޑުމެން ދިރާސާކޮށް އެ އަށް ބަދަލުތައް ގެންނަން މި ރިކޮމެންޑުކުރަނީ،" އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އޮބްޖެކްޓިވްއަކީ ދެންމެ ވެސް މި ފާހަގަކުރިހެން ވީ އެންމެ އަވަހަށް ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނަށް ބަދަލުތައް ގެނައުން."

އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ގާނޫނަށް އިސްލާހު ގެންނަން ނިންމިއިރު، މިދިޔަ ހަފުތާގައި ހުވާކުރި އާ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވައިފަ އެވެ.

އެކަމަށް ތާއިދުކުރައްވާނެތޯ ސުވާލުކުރުމުން އިހުސާން ވިދާޅުވީ އެއަށް ޖަވާބެއް ދެއްވޭނީ ބިލް ދިރާސާކުރުމަށްފަހު ކަމަށެވެ.

"ފަހަރެއްގައި ވެދާނެ އަޅުގަނޑުމެން އެލައިން ވާން ޖެހޭނީ އެއާ ކަމަށް ވެސް. އަޅުގަނޑުމެން ވަކި އިސްތިސްނާއެއް ނުކުރާނެ ވަކި ބޭފުޅަކު، ވަކި މެމްބަރަކު ހުށަހެޅި ހުށަހެޅުމަކަށް. އަޅުގަނޑުމެން ބޭނުންވާ އޮބްޖެކްޓް ހާސިލްކުރަން މަސައްކަތްކުރާނީ." އޭނާ ވިދާޅުވި އެވެ.