މީހުން ދިރިއުޅޭ ރަށްރަށަށް ރަޖިސްޓްރީ ކުރެވޭ ވެހިކަލުގެ އަދަދު ލިމިޓު ކުރުމަށް ގާނޫނަށް ގިނަ އިސްލާހުތަކެއް ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ، ވެހިކަލްތަކުގެ މައްސަލަ މިހާ ގޯސްވެފައި އޮތީ މީގެ ކުރިން ގާނޫނުން ބޭރުން ވެހިކަލް ރެޖިސްޓްރީކޮށްދީފައިވާތީ ކަމަށާއި ދެން އެ ފުރުސަތު ނުދޭނެ ކަމަށެވެ.
ވެހިކަލް ލިމިޓުކުރުމާ ގުޅޭ ގޮތުން އަމީން ވިދާޅުވީ ގާނޫނުގައި އޮތް ގޮތުން އެކަން ކުރަން ގިނަ ދަތިތަކެއް ހުރި ކަމަށެވެ.
މާލޭގައި ދުއްވާ ހަތަރު ފުރޮޅުލީ އުދަނދުތަކަށް ވުރެ ސައިކަލުގެ އަދަދު ގިނައިރު، ސައިކަލު މިވަގުތު ހުރީ "ކެރީން ކެޕޭސިޓީ" ނުވަތަ މާލެއަށް އެތެރެކޮށް ގެންގުޅެވޭނެ އެއްގަމު އުޅަނދުގެ ލިމިޓަށް ވުރެ އިތުރަށް ކަމަށް އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސައިކަލުގެ ރެޖިސްޓްރޭޝަން ފީއަކީ 100 ރުފިޔާ ކަމަށް ގާނޫނުގައި ސީދާ މިހާރު ބަޔާން ކޮށްފައި އޮތުމުގެ ބަދަލުގައި އެ އަދަދު މިނިސްޓްރީއަށް ކަނޑައަޅަން ދޫކޮށްލުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ތަޖުރިބާކާރުން ވެސް ދެކިވަޑައިގަންނަވަ އެވެ.
"އެކަމަކު ގާނޫނުގައި ސީދާ ވަކި އަދަދެއް ކަނޑައެޅީމާ ވަރަށް އުނދަގޫވޭ ނޫނީ އެ ލިމިޓު ކުރުމުގައި ވެސް އެއްވެސް ޖާގައެއް ނެތް ގޮތަށް އޮތުމާއެކު ވާނީ އިސްލާހުކުރުމަށް އޭޖީ އޮފީހަށް ފޮނުވާފައި،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ، އެ އިސްލާހާއެކު އިމްޕޯޓު އެކްސްޕޯޓު ގާނޫނާއި ޓްރެފިކާ ގުޅުން ހުރި ގިނަ އިސްލާހުތަކެއް އައުމާއެކު މި މައްސަލަ ހައްލުވާން ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް، އިމްޕޯޓުކުރާ ވެހިކަލް ރެޖިސްޓްރީ ނުކުރަނީސް ވެހިކަލެއްގެ ގޮތުގައި ކެޓަގަރައިޒް ނުކުރެވޭ ގޮތަށް އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް އިސްލާހު ހުށަހަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކޮންމެ ރަށެއްގައި ވެސް ގެންގުޅެ ދުއްވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމަކީ ގާނޫނުން ލޯކަލް ކައުންސިލްގެ ޒިންމާއެކެވެ. ނަމަވެސް މާލޭގައި އެކަން މިހާތަނަށް އޮތީ ނުވެ އެވެ.
ކެރީން ކެޕީސިޓީ މާލޭގައި ކަނޑަނޭޅި އޮތީ ޓްރާންސްޕޯޓުން ހަދާ ގަވައިދެއްގެ ދަށުން އެކަން ކުރަން ޖެހޭތީ ދަތިތަކެއް ހުރުމުން ކަން ފާހަގަކުރައްވައި އެ މައްސަލަ ހައްލުކުރުމަށް، ޓްރާންސްޕޯޓު މިނިސްޓްރީން ހަދަންޖެހޭ ގަވާއިދު ކެންސަލް ކުރުމަށް ފަހު ސިޓީ ކައުންސިލަށް ފަސޭހައިން ކެރީން ކެޕޭސިޓީ ކަނޑައެޅޭނެ އުސޫލެއް މިހާރު ގެޒެޓު ކުރެވިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.