ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް ކޮމަންވެލްތުން އެކި ގޮތްގޮތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން އިތުރަށް ފުޅާކުރުމަށް އެ ޖަމާއަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބާރު އަޅުއްވައިފި އެވެ.
އެންޓީގާ އެންޑް ބާބިޔުޑާގައި މިހާރު ކުރިއަށް ގެންދާ ސިޑްސްގެ ކޮންފަރެންސްގެ ހަވާސާގައި ރައީސް އިއްޔެ ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ރައިޓް ޕެޓްރީޝިއާ ސްކޮޓްލޭންޑް ކޭ.ސީއާ ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި، ސިޑްސް ކޮންފަރެންސް އިން ނެރެވޭނެ ނަތީޖާ އާއި ދައުރުގެ މައްޗަށް އަދި ދައުލަތްތަކުގެ ވަސީލަތްތަކާއި އަމިއްލަ ފޯރުންތެރިކަން އިތުރުކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
"ކޮމަންވެލްތުގެ ފަރާތުން ސިޑްސް އަށް އެހީވުމުގައި ކޮމަންވެލްތުގެ ދައުރު އިތުރަށް ފުޅާކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެންޓީގާ އެންޑް ބާބިޔުޑާގެ ސިޑްސް 4 ގެ އެޖެންޑާގެ ތެރެއިން ގައުމުތަކުން އެއްބަސްވާ އެކްޝަން ޕްލޭންގައި ކަނޑައެޅޭ ގޮތަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބާރުއަޅުއްވައިފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް އޮފީހުން ބުނީ މި ފަހަރުގެ ސިޑްސް ކޮންފަރެންސްގެ އެޖެންޑާގެ ތެރެއިން ގައުމުތަކުން އެއްބަސްވާ އެކްޝަން ޕްލޭންގައި ކަނޑައެޅޭގޮތަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް މުއިއްޒު ބާރުއެޅުއްވި ކަމަށެވެ.
ކޮމަންވެލްތުގައި ރާއްޖޭގެ ބައިވެރިވުން އިތުރުވަމުން އަންނަ ކަން ފާހަގަކުރައްވައި، ކޮމަންވެލްތުގެ ފަރާތުން ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުވުމާއި ތައުލީމާއި ތިމާވެއްޓާއި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެ އަށް ދޭ އެހީތެރިކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިޑްސްގެ ހަވާސާގައި އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާއި ޓޮންގާގެ ބޮޑުވަޒީރު ސިއާސީ ސިވަލެނީއާގެ އިތުރުން އިނގިރޭސި ވިލާތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު އަދި ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް، ލޯރޑް ރިޗަޑް ބެންޔޯންއާ ވެސް ރައީސް މުއިއްޒު ވަނީ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.
މި ބައްދަލުވުންތަކުގައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސް އަލިއަޅުއްވާލެއްވި ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ބައެއް ފިޔަވަޅުތަކުގެ މައްޗަށް ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.