މިއަދު މެމްބަރުކަމުގެ ހުވާކުރެއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްކަމަށް ބޭފުޅުން އިންތިހާބުގެ ކުރުމުގެ ކަންކަން މަޖިލިހުގެ އިދާރާގައި ފަށައިފި އެވެ.
ވިހި ވަނަ މަޖިލިހަށް އިންތިހާބުކުރި 93 ބޭފުޅުން މިއަދު ހެނދުނު ނުވައެއް ޖެހިއިރު މެމްބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު 10:15 ގައި ވަނީ ރައީސާއި ނައިބު ރައީސްކަމަށް ބޭފުޅަކު ހޮވުމާ ގުޅޭ ކަންކަން ފަށައިފަ އެވެ.
ޖުމުލަ 76 މެމްބަރުންނާ އެކު 20 ވަނަ މަޖިލިހުގެ ސުޕަ މެޖޯރިޓީ ކުރިއަށް އޮތް ތަނުގައި ދަމަހައްޓާނެ ޕީއެންސީން މަޖިލިހުގެ ރައީސް ކަމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ނަމެވެ. ނައިބަކަށް އެ ޕާޓީން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ނަމެވެ.
އެކަމަކު، 12 މެމްބަރުންނާ އެކު 20 ވަނަ މަޖިލިހުގެ މައިނޯރިޓީ ޕާޓީ އެމްޑީޕީން ވެސް ވަނީ ރައީސްކަމާއި ނައިބު ރައީސްކަމަށް ދެ ނަމެއް ހުށަހަޅައިފަ އެވެ. އެމްޑީޕީން ހުށަހެޅީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ނަމެވެ. ނައިބަކަށް ހުށަހެޅީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީގެ ނަމެވެ.
މަޖިލިހުގެ ފުރަތަމަ ޖަލްސާ މި ވަގުތަށް މެދުކަނޑާލާފައި އޮތީ ސިއްރު ވޯޓު ނެގުމަށްޓަކައި ކަރުދާސްކޮޅުތައް ޕްރިންޓު ކުރުމަށްޓަކަ އެވެ.
މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ. އެއީ މިހާތަނަށް މެދުނުކެނޑި މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުންނެވެ.